މ. އަތޮޅުގެ ބައެއް ރަށްތަކުގައި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން މާދަމާ އެ އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
މ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މާދަމާ މެންދުރު ރައީސް ފުރަތަމަ ވަޑައިގަންނަވާނީ އެ އަަތޮޅު މުލަކަށެވެ.
މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ތަމްސީލް ކުރެއްވި ދާއިރާ އަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މި ދަތުރުފުޅުގައި އެ ރަށުގައި ގާއިމްކޮށްފައިވާ ސާފު ބޯފެނުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާނެ އެވެ.
އޭގެ ފަހުން ދިއްގަރަށް ވަޑައިގެން އެ ރަށުގެ ވެސް ބޯފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވައި ނާލާފުއްޓަށް ވަޑައިގެން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް ފެއްޓެވުމަށް ނުވަތަ ނިމުން ފާހަގަކުރައްވަން ރައީސް ޔާމީން ވަނީ މިދިޔަ އަހަރު ފަހުކޮޅު ވެސް ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.