އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
މައުމޫންގެ ދަރިކަލުން، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވަނީ ދެ ބޭފުޅުންގެ ބައްދަލުވުމެއް މެންދުރު 1:00 ގައި އޮންނާނެ ކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. މައުމޫންގެ އޮފީސް ހުންނަ ހ. ފުލިދޫގައި ބާއްވާ ބައްދަލުވުމުގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭގޮތުން ގާސިމާއި މައުމޫން ބައްދަލުކުރައްވާއިރު، އެ ދެ ޕާޓީއަކީ މި ސަރުކާރުގެ މިހާރު ވެސް ކޯލިޝަން ޕާޓްނަރުންނެވެ. ނަމަވެސް، ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި ޕާޓީގެ ޕްރައިމަރީއަށް ހުޅުވާލައިފަ އެވެ.
އެކަމަކު، އެގޮތަށް ނިންމާފައިވަނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް ކޯލިޝަން ހެދުމަށް އެ ޕާޓީތަކަށް އަނެއްކާ ވެސް ދައުވަތު ދީފައިވަނިކޮށެވެ.
ކޯލިޝަނާ ގުޅޭގޮތުން މައުމޫން ވަނީ ރައީސާ ވެސް އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދީފައިވާ ދައުވަތާ ގުޅިގެން އިތުރަށް މަޝްވަރާ ކުރިއަށް ގެންދާށެވެ.
ފާރިސް އިއްޔެ ވިދާޅުވީ ކޯލިޝަނަކަށް ދާން ނުވަތަ ނުދާން ނިންމުމުގެ ކުރިން އެމްއާރުއެމް އިން ކަށަވަރުކުރަން ބޭނުންވި ކަންކަން ހުރި ކަމަށެވެ. އެހެންވެ، އިތުރަށް މަޝްވަރާކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެތެރޭގައި އަޅުގަނޑުމެން ދަންނަވާލިން ޖުމްލަކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ދީނުގެ އުސޫލްތައް ހިފެހެއްޓުން. އެއާއެކު ކުރިން އެއްބަސްވެފައި ހުރި މަސައްކަތްތައް، ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމާއި އެއާއެކު އެކީގައި ކޮރަޕްޝަނާއި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ ކަންކަމާ ގުޅިގެން އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވި ކަންތައްތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތު ކޯލިޝަން ޕާޓީތަކުގެ ތެރެއިން މިހާތަނަށް ގަބޫލުކުރީ އަދާލަތުން އެކަންޏެވެ.