މިލިއަނެއްހާ ރުފިޔާ އަށް ތިލަފުށިން ބިމެއް ބިން ވިއްކާލަން އުޅުނު މައްސަލައެއްގައި އެޗްޑީސީގެ މުވައްޒަފަކު ސަސްޕެންޑުކޮށް، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހު "މިހާރު" އަށް މިއަދު ވިދާޅުވީ މިލިއަނެއްހާ ރުފިޔާ އަށް ތިލަފުށިން ބިން ވިއްކަން އުޅުނު މައްސަލަ ފެންމަތިވީ އިންޓާނަލް އޮޑިޓެއްގެ ތެރެއިން ކަމަށެވެ. އެއާއެކު، އެ ކަމަށް ތުހުމަތުކުރެވޭ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސަސްޕެންޑްކުރި މުވައްޒަފާ ގުޅޭ އެއްވެސް ތަފުސީލެއް ނުލިބެ އެވެ.

މިމްރާހު ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ފުރަތަމަ ސަސްޕެންޑް ކުރީ ދެ ހަފުތާ އަށް ކަމަށެވެ. އެކަމަކު، މައްސަލަ ބަލައި ނިމެންދެން އެ މުއްދަތު ގުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހަކާ ޖެހެންދެން ވެސް ތިލަފުށީ ބެލެހެއްޓީ ވަކި ކޯޕަރޭޝަނަކުންނެވެ. ނަމަވެސް، އެ ކުންފުނި އުވާލައި އެޗްޑީސީގެ ބޯޑަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް ފަހު އެ މަސައްކަތްތައް ބަދަލުކުރީ އެޗްޑީސީ އަށެވެ.