މާލޭގެ މިސްކިތްތައް މަރާމާތު ކުރުމުގެ މުހިންމު މަސައްކަތްތައް ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ގަ އެވެ.
ރޯދަމަހަށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތަކުގައި އެއްފަހަރާ ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތް ކުރިއަށް އޮތް ދެހަފުތާ ތެރޭ ނިމޭނެ،" މުއިއްޒު މިއަދު ކުރެއްވި ޓްވީޓްގައި ވެއެވެ.
މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކިތައް މިސްކިތުގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މާލޭގެ މިސްކިތްތަކުގެ ތެރެއިން އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތް ފިޔަވައި އެހެން މިސްކިތްތައް ބަލަހައްޓަނީ ސިޓީ ކައުންސިލުންނެވެ. އެ ދެ މިސްކިތް ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީންނެވެ.