ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމުގައި ދިވެއްސަކު ހާލުގައި ޖެހުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކާރިސާގައި ހާލުގައި ޖެހިގެން ނުވަތަ އެހީތެރި ކަމަށް ބޭނުންވެގެން އެއްވެސް ދިވެއްސަކު އަދި މިނިސްޓްރީއާ މުއާމަލާތްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، ތުރުކީގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްއާ ގުޅިގެން، އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރުކީއަކީ މިހާރު ވަރަށް ގިނައިން ދިވެހިން ދަތުރުކުރާ ގައުމެކެވެ. އެނގިފައިވާ ގޮތުގައި އެ ގައުމުގައި މިހާރު ވެސް ބައެއް ދިވެހިން އެބަތިއްބެވެ.
މިހާތަނަށް ލިބުނު ތަފާސްހިސާބުތަކަށް ބަލާއިރު، ތުރުކީ އަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމާއި އެއާ ވިދިގެން އެރި ބާރުގަދަ ލޮޅުންތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،900 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ވާނެ ކަމަށް ރެކޯޑް ކުރެވިފައިވާތީ، އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރަމުންދާ ވަރަކަށް، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.
މި ބިންހެލުންތަކުގައި ސީރިޔާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ސީރިޔާގައި ވެސް ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާނެތީ، މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ދެ ގައުމުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މި ބިންހެލުންތަކުގައި ތުރުކީ ވިލާތުން ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 15،300 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.