ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްހިންހަ އަދި އެ ގައުމުގެ ބޮޑުވަޒީރު ދިނެޝް ގުނަވާޑެނާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނި ލަންކާގެ ރައީސާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
އޭގެ ފަހުން ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބޮޑުވަޒީރާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
ލަންކާއަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ ސަލާމަތްވުމާއެކު މީގެ 60 އަހަރު ކުރިން ސިޔާސީ ގުޅުން އެންމެ ފުރަތަމަ ގާއިމްކުރި ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އެ ލިސްޓުގައި ދެން ހިމެނެނީ އަޔަލެންޑެވެ.
ރާއްޖޭގެ އިސް އޮފިޝަލުން ލަންކާއަށް ކުރައްވާ މި ދަތުރުގައި ވަނީ ބޯޑާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގެ ސަބަބުން ލަންކާ އާއި ރާއްޖޭގެ ސަރުކާރުގެ ގުޅުން ހަރުދަނާވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޝާހިދު ލަންކާ އަށް މި ވަގުތު ކުރައްވަމުން ގެންދަވާ ދަތުރަކީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލުކުރައްވައިފަ އެވެ.