އިދިކޮޅުން މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމުން ބުނީ ސައީދާ އެކު އެ މުޒާހަރާގައި ބައިވެރިވި 21 މީހަކު ވެސް ހައްޔަރުކުރި ކަމަށެވެ.
މިދިޔަ ދެ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ވެސް ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ އެ އެންމެން ވަނީ ދޫކޮށްލައިފަ އެވެ.
މަނީލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުން އިދިކޮޅުން ދަނީ ސިލްސިލާކޮށް މާލޭގައި ކޮންމެެ ރެޔަކު ވެސް މުޒާހަރާކުރަމުންނެވެ.
އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މުޒާހަރާކުރަން އެމީހުން ދަނީ ތައްޔާރުވަމުންނެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް ދީފައިވާ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާތައް ސާބިތުވުމުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކުރި އެވެ.