އެއްވެސް އިންތިހާބަކާ ގުޅުވައިގެން މުވައްޒަފުންނަށް ބިރު ނުދައްކާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ އިދާރާ އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއް އަދި އެއްވެސް އިންތިހާބަކާ ގުޅިގެން ބިރެއް ނުދައްކާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ވެސް އެއްވެސް އިންތިހާބަކާ ގުޅިގެން، އެތެރޭގެ އިންތިހާބުތައް އެކަންޏެއް ނޫން، އެއްވެސް އިންތިހާބަކާ ގުޅިގެން ސަރުކާރުން ބިރެއް ނުދައްކާނެ،" މިއުވާން ވިދާޅުވި އެވެ.
އިންތިހާބުތަކާ ގުޅިގެން މުވައްޒަފުންނަށް ބިރު ނުދައްކާނެ ކަމަށް ސަރުކާރުން ބުންޏަސް އެމްޑީޕީން އަންނަ މަހު ބާއްވާ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް އެކި ތުހުމަތުތައް ކޮށްފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިހާރު ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ތާއިދު ހޯއްދެއްވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ގަ އެވެ.
ނަޝީދަށް ތާއީދު ކުރާ މީހުން ވަނީ އެމްޑީޕީގެ ދަފްތަރުން ގިނަ މެމްބަރުން އުނިކޮށް، އެ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ވަޒީފާގެ ބިރު ދައްކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރަން މަޖުބޫރު ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެކަމަކު، އެ ތުހުމަތުތައް ރައީސްގެ ޓީމުން ދޮގުކުރެ އެވެ.