ސްޓެލްކޯއިން ފްލެޓް ލިބުނު ފަރާތްތަކުން ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދީ، ފްލެޓް ނުލިބި ތިބި މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމުގައި އެހީތެރިވެދޭ ސްކީމެއް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ކަރަންޓުގެ ހިދުމަތުގައި 73ވަނަ އަހަރު ފާހަގަކުރަން ބޭއްވި ޖަލްސާގައި ޝަރީފު ވިދާޅުވީ އެ ކުންފުނިން މިހާތަނަށް ހިންގި އެންމެ ކާމިޔާބު ޕްރޮޖެކްޓަކީ ހައުސިން ޕްރޮޖެކްޓް ކަމަށެވެ. އެއާއެކު ފްލެޓް ނުލިބި ތިބި މުވައްޒަފުންނަށް ހާއްސަކޮށްގެން ވެސް އެހެން ފަރާތްތަކުގެ އަތުން ފްލެޓް ގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭ، ހާއްސަ ސްކީމެއް އެކުލަވައިލާ އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިހާރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަން. އެކަމުގެ ބޭނުންތެރިކަން އަޅުގަނޑުމެއްނަށް ފާހަގަކުރެވޭ. އެހެންވީމަ ކުރިމަގުގައި ސްޓެލްކޯގެ ސްޓާފުންނަށް ތަފާތު އެހެން ފަރާތްތަކުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ އަޅުގަނޑުމެން ވަރަށް އަވަހަށް ފޯމިއުލޭޓްކޮށް ނިންމުމަށް ފަހު ސްޓާފުންގެ ސްކީމެއް ތައާރަފްކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، މިހާރު ދޫކޮށްފައިވާ 360 ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު 18 އަހަރުން 25 އަހަރަށް އިތުރު ކުރަން ނިންމައި އެކަން ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކި ތިބި ފަރާތްތަކަށް ފްލެޓްގެ ޖުމްލަ އަގުގެ ތެރެއަށް އެ ފައިސާ ހިމަނައިގެން ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. މި ބަދަލާ އެކު ވެސް ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯއިން އެޅި 360 ފްލެޓް މުވައްޒަފުންނާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ. ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލު ކޮށްގެން އިމާރާތް ކުރި އެ ފްލެޓްތަކަށް 696 މިލިއަން ރުފިޔާ ހޭދަވި އެވެ. ނަމަވެސް މުވައްޒަފުންގެ އަތުން ނަގަން ހަމަޖައްސާފައި ވަނީ ޖުމްލަ 623 މިލިއަން ރުފިޔާ އެވެ. ފްލެޓްތައް އިމާރާތް ކުރުމަށް ހޭދަވި ބާކީ 73 މިލިއަން ރުފިޔާ ހަރަދުކުރީ ސްޓެލްކޯ އިންނެވެ. ފްލެޓްތަކަށް ދައްކަން ޖެހޭ 623 މިލިއަން ރުފިޔާ އިން 20 ޕަސެންޓުގެ ގޮތުގައި މިހާތަނަށް 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން ވަނީ ނަގައިފަ އެވެ.
ސްޓެލްކޯއިން ދޫކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް މުވައްޒަފުންގެ އަތުން ނަގަނީ 2.1 މިލިއަން ރުފިޔާ އެވެ. އަދި 1+2 ކޮޓަރީގެ އެޕާޓްމެންޓަށް ދައްކަން ޖެހޭނީ 3.7 މިލިއަން ރުފިޔާ އެވެ.