ވަޒީފާ އަށް ނުކުންނަ ޒުވާނުންނަށް ތަމްރީނު ދިނުމަށް، ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އަދި ޔޫތު މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ޒުވާނުން ވަޒީފާ އަށް ނެރުމަށް ޔޫތު މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ވެވުނު އެއްބަސްވުމެކެވެ. ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި ސިވެކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ނަސީރު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން 500 ޒުވާނުންނަށް ސިވެކުން ތަމްރީނުދޭނެ އެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ރަނގަޅު ވަޒީފާ ލިބިގެންދާނެ ބަޔަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.