އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ވޯޓަށް އެހުން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ހޯމަ ދުވަހު ބަޖެޓުގެ ބަހުސް ނިންމާލައި ވޯޓަށް އެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއީ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށާއި އޭގެ ފަހުން މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 42.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.
އެ ބަޖެޓު ހިންގުމަށް ބޭނުންވާ އާމްދަނީ ހޯދުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން ނިންމައި، ޓެކްސްގެ ގާނޫނު މަޖިލީހުން އިސްލާހު ގެނެސްފައިވެ އެވެ. އެ އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރެއްވި އެވެ.
މަޖިލީހުގެ ކޮމެޓީން އޮތީ އެ ބަޖެޓު ފާސްކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
ބަޖެޓުގެ މުހިއްމު ހިސާބުތައް
• ޖުމްލަ: 42.6 ބިލިއަން ރުފިޔާ
• އާމްދަނީ: 32 ބިލިއަން ރުފިޔާ
• ހަރަދު: 40.5 ބިލިއަން ރުފިޔާ
• ޑެފިސިޓް: 14.4 ބިލިއަން ރުފިޔާ
• ދައުލަތުގެ ދަރަނި: 113 ބިލިއަން ރުފިޔާ
މަޖިލީހުގެ ކުރީގެ ދެ ޖަލްސާއެއްގައި ވެސް މި ބަޖެޓް ފާސްކުރަން ވޯޓަށް އަހަން ތަވާލުކުރި އެވެ. ނަމަވެސް، މަޖިލީހުގެ ރިޔާސަތުން ކޯރަމް ހަމަނުވާ ކަމަށް ބުނެ ވޯޓަށް ނޭހި އެވެ.
މި ބަޖެޓަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުން ވަރަށް ބޮޑަށް ތާރީފުކުރައްވިޔަސް، އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ދަނީ މި ބަޖެޓަކީ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުކުރާ ބަޖެޓެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓް ބޮޑުކުރުމާ ވެސް އެ މެމްބަރުން ދެކޮޅު ހެއްދެވި އެވެ.