ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އައްނަބީލާ ހަބީބާ ހުސައިން ހަބީބު މިއަދު އަވަހާރަވެއްޖެ އެވެ.
ރާއްޖޭގެ ކުރީގެ ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ކާފަ ދަރިކަނބަލުން އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ ހަބީބާއަކީ ދައުލަތަށް 49 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭކަނބަލެކެވެ.
ހަބީބާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އޭނާއަކީ ލިޔުންތެރިކަމާއި އަދަބިއްޔާތާއި ތާރީހަށް ވެސް މުހިންމު ހިދުމަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭކަނބަލެކެވެ. އެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަން ވެސް އެ ކަމަނާ ކުރެއްވި އެވެ.
ހަބީބާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ގައުމީ ކުތުބުހާނާގަ އެވެ. އެ ތަނުގައި އެކަނި ވެސް 29 އަހަރުގެ މުއްދަތަކަށް އޭނާ ހިދުމަތް ކުރެއްވި އެވެ. އޭގެ ކުރިން ތައުލީމީ ދާއިރާގަ އާއި ދައުލަތުގެ އެހެން އިދާރާތަކުގައި ވެސް ހަބީބާ މަސައްކަތް ކުރެއްވި އެވެ.