އަމީނީމަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިތާ ތިން މަސް ދުވަސް ވާއިރު، އެ މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އެޅިފައި ނުވާތީ، އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެ އެވެ.
މާލޭގައި އަޑިގުޑަންތައް އެންމެ ބޮޑު އެ މަގު ހަދަން ޕްލޭންކޮށްފައި އޮތީ ފަހަރަކު ބައެއް ބަންދުކޮށްގެންނެވެ.
އެ މަސައްކަތަށް އެންމެ ފުރަތަމަ ބަންދުކުރީ ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާހިނގުމާއި އަމީނީމަގު ގުޅޭ ހިސާބަށެވެ. އެ ބައިގައި ތާރުއެޅުން ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައި އޮންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އެތަނުގައި ތާރު އަޅަން އަދިވެސް ނުފަށާތީ މަސައްކަތް ލަސްވަނީ ކީއްވެތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
• ޕްލޭނިން މިނިސްޓްރީން އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ މި އަހަރު ޖުލައި މަހު ތިނެއްގައި.
• އެ މަސައްކަތް ހަވާކުރީ 10 މަސްދުވަސް (210) ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް.
• އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހު 30 ގައި.
• އެ މަޝްރޫއު ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށް.
މަސައްކަތަށް ބަންދުކޮށްފައި އޮތް ސަރަހައްދަށް ވެހިކަލްތައް ވަންނަ މައްސަލަ ވެސް މިހާރު ވަރަށް ބޮޑެވެ. ތާރު އެޅުމަށް އެއްވަރުގައި ކޮށްފައި އޮތް އެތަނަށް ސައިކަލާއި ކާރާއި ޕިކަޕު ވެސް ވައްދަ އެވެ. އަދި ބައެއް ވެހިކަލްތައް އެ ސަރަހައްދުގައި ޕާކު ވެސް ކުރެ އެވެ.
އަމީނީމަގުގެ ފުރަތަމަ ބައިގެ މަސައްކަތް ނުނިމި މިހާރު ތިން މަސްވެފައި ވާތީ، ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އެ މަގުގެ އަދި ނިމުނީ އެންމެ 12 ޕަސެންޓް މަސައްކަތެވެ.
އެ މަގުގެ މަސައްކަތް ލަސްވާ ސަބަބާ ގުޅޭގޮތުން އާރްޑީސީ އާއި ޕްލޭނިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަމީނީމަގު މަޝްރޫއުގެ ތަފުސީލު
• ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގާވެބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުން.
• ވީލްޗެއާ އެކްސަސް ހެދުން.
• މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދުން.
• ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުން.
• މަގު ބައްތިތައް ބެހެއްޓުން.
• މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުން.
• ސްޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުން.
• އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހެދުން.
އަމީނީމަގުގެ މަސައްކަތް ފެށިއިރު އެ މަގުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ނެގުމުން ވެސް ސަރުކާރަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. ސަރުކާރުން ބުނީ އެ ގަސްތައް ނުނަގައި އެ މަގުގައި ތާރު އެޅެން ނެތް ކަމަށެވެ.
އަމީނީމަގު ޒަމާނީކުރުމުގެ މަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ ތާރުއަޅައި، ފެންހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.