އޭނާ އަށް ގުރޫޕަކުން ހަމަލަދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ގްރޫޕަކުން ވަނީ ޝިމާޒަށް ހަމަލާދީފަ އެވެ. އޭގެ ކުރިން މިދިޔަ ހަފުތާގައި އޭނާގެ ސައިކަލަށް ގެއްލުންދީފައިވާއިރު، އޭނާއަށް އިންޒާރުދީ މެސެޖުތަކެއް ފޮނުވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ޝިމާޒު، ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓަރީ ކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލާ ކަމުގެ ތުހުމަތުކޮށް އޭނާ މަގާމުން ވަކިކޮށްދޭން ވަރަށް ފަހުން މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ރައީސް އޮފީހުގައި އެދިވަޑައިގެންފަ އެވެ. އެކަމަކު ޝިމާޒް ގެންދަވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.
އޭނާ އަށް ދިން ހަމަލއާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އޭނާ ގޮވާލެއްވި އެވެ.
ޝިމާޒަށް ދިން ހަމަލައާ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅުވި ނަމަވެސް އެ ކަމަށް ނަހުލާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
ނަހުލާ ވިދާޅުވީ، މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، އެކަމުގެ ތެރޭގައި އޭނާގެ އާއިލާއަށް ނިސްބަތްކޮށް، އަބުރު ކަތިލުމުގެ ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ.
ނަހުލާގެ ޕާޓީ ޖުމްހޫރީ ޕާޓީން ބުނީ، އެ ހަމަލާގައި ނަހުލާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އޭނާއަށް ދިން ހަމަލާއާ މެދު ޖޭޕީން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ޝިމާޒް "މިހާރު" އަށް ކުރިން ވިދާޅުވީ، ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އެޅުވިޔަސް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ޒިންމާއެއް އަދާކުރައްވަނީ މިނިސްޓަރު ނަހުލާ އަށް އެނގިވަޑައިގެން ކަމަށެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެމްއާރުއެމުން ވެސް ޝިމާޒްގެ މައްސަލަ ބެލި އެވެ. އެކަމަކު ޕާޓީން އޭނާއާ މެދު ފިޔަވަޅެއް ނާޅަން ނިންމީ ޕީޖީން ދައުވާނުކޮށް މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުންނެވެ.