މާލެ ނޯތު ހާބަރާއި ޓީ-ޖެޓީގެ ހިދުމަތްތައް ހޯދަން އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދަން އެމްޕީއެލުން މިއަދު ނިންމައިފި އެވެ.
އެމްޕީއެލްގެ އިއުލާނެއްގައި ބުނީ އެ ކުންފުނިން ބަހަލައްޓަމުން އަންނަ ބަނދަރުތަކުގައި ޑިޖިޓަލް/އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާދެއްކުމުގެ ނިޒާމް ގާއިމުކުރުމުގެ ގޮތުން، ނޯތު ހާބަރާއި މާލޭ ޓީ-ޖެޓީން ފޯރުކޮށްދޭ ހިދުމަތްތަކަށް އަންނަ މަހުން ފެށިގެން ފައިސާ ބަލައިގަންނާނީ އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
"އެހެންކަމުން ޑިސެމްބަރު، 1 2022 އިން ފެށިގެން ބަނދަރު ސަރަހައްދަށް ވަންނަ ވެހިކަލްތަކުގެ ސްޓިކާ ފިޔަވާ އެހެނިހެން ހުރިހާ ހިދުމަތްތަކަކަށް ފައިސާ ބަލައިގަންނަމުން ދާނީ ހާބަރު ޕޯޓަލް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ،" އެ އިއުލާނުގައިވެ އެވެ.
ހާބަރު ޕޯޓަލްގައި ރަޖިސްޓްރީވުމަށް https://local.port.mv އަށް ޒިޔާރަތްކުރުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިންތިޒާމު ހަމަޖެހުމުން އަންނަ މަހުން ފެށިގެން ނަގުދު ފައިސާ ބަލައިގަތުމާއި ބޭންކް ޓްރާންސްފާގެ ހިދުމަތް ހުއްޓާލެވޭނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
ނޯތު ހާބަރާއި ޓީޖެޓީ އަކީ ކޮންމެ ދުވަހަކު އެތައް ބައިވަރު މުދާ އުފުލާ އެއްގަމު އުޅަނދުތައް ވެސް ވަދެ ނުކުމެވާ ތަނެކެވެ. އަދި ރަށްރަށަށާއި ރިސޯޓުތަކަށް މުދާ އުފުލާ ވަރަށް ގިނަ އޮޑިދޯނިފަހަރު ވެސް އެތަނުގައި ބަނދަރުކުރެ އެވެ. އެ ހުރިހާ އުޅަނދުތަކެއް ވެސް އެ ބަނދަރުތަކުގައި އޮންނަން އެމްޕީއެލް އަށް ފައިސާ ދައްކަން ޖެހެ އެވެ.