މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެެ މީހާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
"އޭނާގެ ހާލަތަށް އެއްވެސް ބަލެއް ނާދޭ، އަދިވެސް ކްރިޓިކަލް،" އޮފިޝަލް ވިދާޅުވި އެވެ.
ޖިންސު ވެސް ވަކިކުރަން އުނދަގޫވާ ވަރަށް ފިހިފައި އޮތް އެ މީހާގެ ޖިންސު މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއީ ފިރިހެނެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ކަމަށެވެ. ކާކުކަން ނޭނގޭ އެކަކު އެބައޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން އުނދަގޫވި އެވެ. މަރުވި އެންމެންގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގީ ސެންޑްރޯޒް ހުޅަނގުބައިގައި ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެން ކަމަށް ބުނެ އެވެ. އެ ގޭގައި މަތީ ފުލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ މީހުން ވެސް ހިމެނެ އެވެ.