ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް އެފްކޮންސް އިން އަމިއްލަ އަށް ހެދި ސާވޭގެ ރިޕޯޓް މިހާރު ލިބިފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ އެފްކޮންސް ކުންފުނިން ހެދި ސާވޭގެ ރިޕޯޓް ލިބުމާއެކު މިހާރު ކުރިއަށް ގެންދަނީ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުން ކަމަށެވެ.
"ދެ ފަރާތުން މަޝްވަރާކޮށް، ދެން އެ މައްސަލާގައި ވަރަށް އަވަހަށް އަޅުގަނޑުމެން ގޮތެއް ނިންމާނަން،" އޭނާ ވިދާޅުވި އެވެ.
އެފްކޮންސްގެ ރިޕޯޓުގައި އޮތް އެއްޗަކާ ގުޅޭ އެއްވެސް ތަފުސީލެއް އީޕީއޭ އިން އަދި ނުދެ އެވެ. އެ ކުންފުނިން އަމިއްލަ އަށް ސާވޭ ކުރަން އެދުނީ، އީޕީއޭގެ ރިޕޯޓްގައި ވިލިމާލެ ފަރަށް ގެއްލުން ލިބިފައި ހުރި ސަރަހައްދު ބަލާފައި ހުރީ މާ ބޮޑުކޮށް ކަމަށް ބުނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅި ތިން މަސް ދުވަސް ވާން ކައިވެރިވެފައި ވާތީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އޮގަސްޓު މަހު 16ގަ އެވެ. އެކަމަކު، އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި 10 ވަރަކަށް ފޫޓު ފުން ބޮޑެތި ވަޅުގަނޑުތަކެއް އެތަނުގައި ހެދިފައިވެ އެވެ.
ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލަން އީޕީއޭ އިން ސާވޭ ފެށީ އެ ޕްލެޓްފޯމް ފުން ކުރުމަށް ފަހު، އެ ތަނަށް އެޅިފައި ހުރި ދަގަނޑު ހޮޅިތައް އެފްކޮންސް އިން ނަގައި ނިމުމުން މިދިޔަ މަހުގެ ހައެއްގަ އެވެ. އޭގެ ދެ ހަފުތާ ފަހުން އީޕީއޭގެ ސާވޭ ނިންމައި، މިދިޔަ މަހުގެ 14ގައި އެ އެޖެންސީގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސް އަށް ފުރުސަތު ދިނެވެ.
ނަމަވެސް އެފްކޮންސް އިން އެ ރިޕޯޓް ގަބޫލުނުކުރާ ކަމަށް ބުނެ، މިހާތަނަށް އެ ރިޕޯޓް އީޕީއޭއިން އާންމުކޮށްފައެއް ނުވެ އެވެ.