ރާއްޖެ އާއި ސްރީލަންކާއާ ދެމެދު "ފްލައިދުބާއީ" ގެ ދަތުރުތައް ފަށައިފި އެވެ.
ޔޫއޭއީގެ މަޝްހޫރު ބަޖެޓު އެއާލައިން ފްލައި ދުބާއީން އިއްޔެ ފެށި ދަތުރުތައް ކޮންމެ ދުވަހަކު ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
މާލެއިން ކޮލަމްބޯ އަށް ކޮންމެ ދުވަހަކު ހެނދުނު 8:35 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، އަނބުރާ މާލެ އަށް ފުރާނީ މެންދުރު 12:55 ގައި ކަމަށް އެ އެއާލައިނުން ބުންޏެވެ.
އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 737 މަރުކާގެ މަތިންދާބޯޓެކެވެ.
ފްލައި ދުބާއީން އެ ދަތުރުތައް ފެށި އިރު، ރާއްޖެ އާއި ކޮލަމްބޯއާ ދެމެދު ފަސް އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ.
މި މަސް ތެރޭ ފްލައިދުބާއީން ވަނީ ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް އަންނަ އަހަރު ފަށާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެ ދަތުރުތަކުގެ އެންމެ ދަށް އަގަކީ 550 ޑޮލަރު (8،481ރ.) އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކުރަމުން އަންނަ ދަތުރުތަކާ އެކު، ގަމަށް ފްލައިޓުތައް ފެށުމުން، އެ އެއާލައިނުން ރާއްޖެ އަށް ހަފުތާއަކު އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އަދަދު 28 އަށް އިތުރުވާނެ އެވެ.