ވެރިކަން ކުރަން އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ، ހއ. ދިއްދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވައުދުވެވަޑައިގެންފި އެވެ.
ހއ. ގެ ބައެއް ރަށްތަކަށް މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ދިއްދޫގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ގޮނޑި އެމްޑީޕީ އަށް ދިނީ ވަރަށް އުއްމީދުތަކަކާ އެކުގައި ކަމަށް ވިޔަސް، ރައްޔިތުންގެ އެ އުއްމީދުތަކުގައި ކުލަ ނުޖެހުނު ކަމަށެވެ. އެ ރަށަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެ އުއްމީދުތައް ނުފުދުމުން ރައްޔިތުން އަނެއްކާ ވެސް ކަންތައްތައް ކޮށްދޭން އެ މަނިކުފާނުގެ އަރިހުގައި ދަންނަވަމުން އަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، ޕީޕީއެމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ދިއްދޫ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަ ގައިމު ވެސް ދިއްދޫ ފަޅު ހިއްކާފައި، އެއާޕޯޓެއް އަޅާދީފައި. -- ކުރީގެ ރައީސް ޔާމީން
"އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަ ގައިމު ވެސް ދިއްދޫ ފަޅު ހިއްކާފައި، އެއާޕޯޓެއް އަޅާދީފައި،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު ޔާމީން ވީދާޅުވީ ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ ކުރިން އެންމެ ފުރަތަމަ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަކީ ދިވެހިން ފަހުރުވެރިވާ ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށެވެ. ޕީޕީއެމަށް ދެން ވެރިކަން ލިބިއްޖެ ނަމަ ސަރުކާރުގެ ފުރަތަމަ ދުވަސް ވެސް ފަށާނީ ތަންފީޒީ އެޖެންޑާއަކުން ކަމަށާއި ކަންކަން ދިރާސާކޮށް، ވަގުތު ނަގާލަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު މި ހިނގާ ދުވަސްތަކަކީ [މި ސަރުކާރުން ކުރާ ކަންކަމަކީ] ދިރާސާކުރަން ލިބިފައިވާ ފުރުސަތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މަސްވެރިކަމަށް ކުރަން ޖެހެނީ ކޮން ކަމެއްތޯ. ދިއްދޫ އަށް ކޮށްދޭން ޖެހެނީ ކޮން ކަމެއްތޯ. ޒުވާނުންނަށް ބޭނުންވެފައި ހުރި ކަންތައްތަކަކީ ކޮބައިތޯ، މި ކަންކަން ކުރާކަށް ތަހުލީލީ މަސައްކަތްތަކެއް ކުރާކަށް ވަގުތުތަކެއް ނަގައެއް ނުލާނަން."
ޔާމީންގެ ވެރިކަމުގައި ހދ. ކުޅުދުފުއްޓާއި ނ. މާފަރާއި ދ. ކުޑަހުވަދޫ އާއި ށ. ފުނަދޫ އަދި ޅ. މަޑިވަރުގައި ވެސް އެއާޕޯޓެއް ހެދި އެވެ. ރާއްޖޭގެ ރަސްމީ ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއު ވެސް ފެއްޓެވީ ޔާމީންގެ ވެރިކަމުގަ އެވެ.
ހއ. ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ޔާމީން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތުކުރާ ބައެއް ކަންކަމުގެ ދިފާއުގައި ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ. ކުށެއް ނުކުރައްވާ ކަމަށް ވެސް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގައި އެންމެން ހިތްހަމަޖެހޭ ނިންމުންތައް ނިންމެވިފައި ނުހުންނާނެ ކަަމަށް ދައްކަވައި ޖެއްސެވި މިސާލުތަކުގެ ތެރޭގަ އެވެ.