ތުއްތު ކުދިންނަށް ދީފައިވާ ވެކްސިންތައް އޮންލައިންކޮށް ބެލޭނެ ޕޯޓަލް އެއް މިއަދު ލޯންޗުކޮށްފި އެވެ.
މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި، އިލެކްޓްރޯނިކް އިމިއުނިޒޭޝަން ރަޖިސްޓްރީ ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
އެ ރަޖިސްޓްރީއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އެހީއާއެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހިކޮށްދޭނެ ނިޒާމެކެވެ.
މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާ ގުޅޭ ތަފާސް ހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރި ޑިޖިޓަލް ރަޖިސްޓްރީއެކެވެ.
މިނިސްޓްރީން ބުނީ އެ ރަޖިސްޓްރީ މެދުވެރިކޮށް ތުއްތު ކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކްކޮށް، އެކި ސެންޓަރުތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު އެއް ރެކޯޑަކުން ފެންނާނެ ކަމަށެވެ. އެގޮތުން، ކުއްޖާ ވިހެއިރުއްސުރެން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެ ކަމަށް ބުންޏެވެ.
އޭގެ ސަބަބުން ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ދީފައިވާ ވެކްސިން ކަށަވަރުކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ލުއެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން، ގައުމީ އިމިއުނިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދަން އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ އަދަދު ވަގުތުން ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
"ރާއްޖޭގެ ހުރިހާ ކުދިން ގަވައިދުން ވެކްސިންތައް ފުރިހަމަކުރިތޯ ޔަގީންކުރުމަށް ކުރާ މަސައްކަތްތަކަށް، މި ރަޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެންދާނެ،" މިނިސްޓްރީން ބުންޏެވެ.
ގައުމީ ވެކްސިން ޕްރޮގްރާމްގެ ބޭނުމަކީ ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިން ޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުމެވެ.