މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފުލް ގަރްޟާވީގެ މައްޗަށް ރާއްޖޭގައި މާދަމާ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށު ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މި ހަފްތާގައި، މިސްރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ ގަތަރުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް، މާދަމާ ހުކުރު ނަމާދަށްފަހު ގަރްޟާވީގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރަން ހަމަޖައްސާފައިވާތީ ހުކުރުކުރާ ހުރިހާ މިސްކިތްތަކެއްގައި އެ އިންތިޒާމް ހަމަޖައްސަން އެދޭ ކަމަށެވެ.
އިސްލާމީ އިލްމުވެރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް އިލްމުވެރިޔާ ގަރްޟާވީ ވަރަށް ގިނަ ފޮތްތަކެއް ލިޔުއްވި އެވެ. އޭނާ ލިޔުއްވި ވަރަށް ގިނަ ފޮތްތައް ވަރަށް މަޝްހޫރުވެ، އަދި އެކި ބަސްބަހަށް ތަރުޖަމާ ވެސް ކޮށްފައިވެ އެވެ.
މިސްރަށް އުފަންވެ ވަޑައިގަތް ނަމަވެސް، އޭނާ އަވަހާރަވުމާ ހަމައަށް އުޅުއްވީ ގަތަރުގަ އެވެ. ގަތަރުގެ ޔުނިވަސިޓީގެ އިސް މަގާމުތަކެއް ފުރުއްވި ގަރްޟަވީ އަކީ ފަހުން އެ ގައުމުގެ ރައްޔިތެކެވެ. އަދި 2013 ވަނަ އަހަރު މިސްރުގެ ވެރިކަން ބަދަލުވިފަހުން އޭނާ އެ ގައުމަށް ވަޑައެއްނުގަންނަވަ އެވެ.