ބަހުގެ ހިދުމަތް ފެށުމަކީ ބައިބޯ މާލޭގައި ދިރިއުޅޭ މީހުންނަށް ލިބޭ ތަސައްލީއެއް ކަމަށާއި އެ ހިދުމަތް އިތުރަށް ތަރައްގީވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

"ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން އާރުޓީއެލް މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ، މި ނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް،" މާލޭގައި 11 އަހަރަށް ފަހު ބަހުގެ ހިދުމަތް އަލުން ދޭން އެމްޓީސީސީން މިއަދު ފެށުމާ ގުޅިގެން ރައީސް ކުރެއްވި ކުރު ޓުވީޓެއްގައި ވިދާޅުވި އެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްގެން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާއެކު، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. ހާއްސަކޮށް، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދުމުގައި މިހާތަނަށް އާންމުން އުފުލި ޝަކުވާތަކަށް ހައްލު ލިބޭނެ ކަމަށް ދެކެ އެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާ އަށް މާލޭގައި ބަހުގެ ހިދުމަތް ދޭނީ އެއްވެސް ފީއެއް ނުނަގަ އެވެ. ނަމަވެސް އޭގެ ފަހުން ކޮޅަކަށް 7ރ. ނަގާނެ އެވެ. އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން އަދި ސްކޫލް ކުދިން ޔުނީފޯމުގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:45 އިން ދަންވަރު 12:15 އަށެވެ. ބަސް ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އާރްޓީއެލްގެ 18 މިނީ ބަސް މާލޭގައި ދަތުރުކުރާނެ އެވެ. އޭގެ ތެރެއިން 8 ބަހަކީ 20 ސީޓާއެކު ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށް ރޭމްޕް ހުންނަ ބަސްތަކެކެވެ. ބާކީ ބަސްތަކުގައި 22 ސީޓު ހުންނާނެ އެވެ. ހުރިހާ ބަހެއްގައި ވެސް އިތުރު 10 މީހުންނަށް ކޮއްޅަށް ތިބެވޭނެހެން ހޭންޑްލް ހުރެ އެވެ.

މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް އާރުޓީއެލްގެ ދަށުން އެމްޓީސީސީން ވަނީ ބަހުގެ ހިދުމަތް ދޭން ފަށައިފަ އެވެ.