މާލޭ ސިޓީ ކައުންސިލުގެ މިދިޔަ ދައުރުގައި، ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހެދި ލޮނުޒިޔާރަތް ޕާކުގެ ފެހިކަން ގެއްލުވާލައި، އެތަން ބަލަހައްޓަން ވެސް ސިޓީ ކައުންސިލުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ އެ ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. އެކަމަކު އެ ތުހުމަތު ސިޓީ ކައުންސިލުން ދޮގުކުރެ އެވެ.
އެ ފާޑުކިޔުން ސިޓީ ކައުންސިލަށް އެންމެ ބޮޑަށް އަމާޒުވީ ލޮނުޒިޔާރަތް ޕާކުގައި ކައިވެނި ޕާޓީތަކާއި އެހެން ހަފުލާތައް ބޭއްވުމަށް ކުއްޔަށް ދޫކުރާ ސަރަހައްދުގައި ހައްދައިފައި އޮތް ރީތި، ފެހި ވިނަގަނޑުގެ މައްޗަށް ދޮންވެލި އެޅުމުންނެވެ. އެއީ މިހާރު މާލޭގައި އެންމެ ގިނައިން ކައިވެނި ޕާޓީތައް ބާއްވައި އަދި އެންމެ ޑިމާންޑް ވެސް ބޮޑު ތަނެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސިޓީ ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ވިނަގަނޑުގެ މައްޗަށް ދޮންވެލި ލީ އެތަނުގައި ފެން ހެދޭތީ އެތަން ކުއްޔަށް ހިފާ މީހުންގެ ޝަކުވާ އާންމުކޮށް ލިބޭތީ ކަމަށެވެ.
"[އެތަނަށް ވެލި އަޅަން ޖެހުނީ] މި ދުވަސްކޮޅު ވިއްސާރަވުމުގެ ސަބަބުން ފަންކްޝަންސްތައް ބާއްވާ ބޭފުޅުން އެކަމަށް އެދޭތީވެ،" އޭނާ ވިދާޅުވި އެވެ.
އެ ޕާކު ހުޅުވިއިރު އެތަނުގައި މަސައްކަތްކުރި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ މީހުންނަށް އެތަނުން ވަޒީފާ ދޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އެކަމަކު ސިޓީ ކައުންސިލުން ބުނީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެއްވެސް މުވައްޒަފަކާ މެދުގައި ސިޔާސީ ތަފާތުކުރުން ނުގެންގުޅޭ ކަމަށް ކައުންސިލުން ބުންޏެވެ.
"އެކަމަކު ޝިފްޓް ޑިއުޓީ އަށް ބަހާލީމަ ބައެއް ސްޓާފުން ޝަކުވާ އެބައޮތް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި "މިހާރު"އާ ވާހަކަދެއްކި މީހަކު ބުނީ ޕާކުގެ ބެންޗުތަކާއި ހިޔާކޮށްފައިވާ ތަންތަން ހަލާކުވެ، މަރާމާތުކުރަން ޖެހިފައިވާއިރު ވެސް ސިޓީ ކައުންސިލުން އެ މަސައްކަތް ނުކުރާ ކަމަށެވެ. އެ ޕާކުގެ ދެކުނު ފަޅީގައި ހުރި ގަސްތައް ނަގައި އެތަނުގައި ފިހާރަ ބަރިއެއް ހަދަން އުޅޭ ކަމަށެވެ. އަދި ޕާކުގެ އުތުރުފަޅި މަގުމަތީ ފެންސާއި ރުށްތައް ނަގައި، ގަސްތައް ޕޮޓުގައި އިންދުމަށް ފަހު ވިއްކުމަށާއި ކުއްޔަށް ދޫކުރަން އުޅޭ ކަމަށެވެ.
އެކަމަކު ކައުންސިލުން އެ ވާހަކަތަށް ވެސް ދޮގުކުރި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މިފަހުން އެ ޕާކަށް ގެނައި އެންމެ ބޮޑު ބަދަލަކީ ނިއުޕޯޓްގެ ފަޅިން ޕާކުގެ ފެންސް އެތެރެ އަށް ޖައްސައި، އެތަނުގައި ދޮރެއް ލުމެވެ.
"ނިއުޕޯޓާ ދިމާލުން ދޮރެއް ލާފައި ވަނީ އެ ދިމާލުން ރޭގަނޑު ތޮށިގަނޑާ ދިމާލުގައި ތަފާތު ނޭއްގާނީ އަމަލުތައް ހިންގަމުން ދާތީ އެކަން ހުއްޓުވުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.
ތަފާތު ގިނަ ވައްތަރުތަކުގެ މާ ގަސްތަކާއި ބަގީޗާ ގަސްތައް އިންދައި، މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ބެއްލެވުމުގެ ދަށުން ލޮނުޒިޔާރަތް ޕާކު ހެދީ ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. ނޮވެމްބަރު 11، 2020 ގައި ސަރުކާރުން އެ ޕާކު ހުޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭނެ ފެހި ސަރަހައްދެއް ހެދުމުގެ ގޮތުންނެވެ.