ޕެންޝަން ފަންޑު ހިންގުމުގެ އިދާރީ ފީގެ ގޮތުގައި އެ ފަންޑުން ނަގާ މިންވަރު މި އަހަރުން ފެށިގެން 0.8 ޕަސެންޓަށް ކުޑަކޮށްފި އެވެ.

މިކަން އިއުލާން ކުރެއްވީ، ކ. ގުރައިދޫގައި ހުންނަ، ދައުލަތުގެ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ މުވައްޒަފެއްގެ އެއް އަހަރުގެ މުސާރަ، ޕެންޝަން އޮފީހުން ސްޕޮންސަ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިިއްޔާތުގައި އެ އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.

މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޕެންޝަން ފަންޑު ހިންގުމުގެ އިދާރީ ފީގެ ގޮތުގައި ކުރިން ނަގަމުން އައީ 0.9 ޕަސެންޓް ކަމަށެވެ. ނަމަވެސް މިި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މިންވަރު 0.8 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް މަނިކު ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ގާނޫނު ބުނާ ގޮތުން އެ އޮފީސް ހިންގަންޖެހޭނީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ އަތުން ނަގާ ފީއަކުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަން ފައިސާ އާއި ޕެންޝަން ސްކީމް ހިންގަން އެ އޮފީހުގެ އަހަރީ ބަޖެޓަށް ލިބޭ ފައިސާ އިންނެވެ. އަދި ޕެންޝަންގެ ހަރުމުދާ އިތުރު ވަންދެން، އެ ސްކީމުގައި ބައިވެރިވެފައިވާ މީހުންގެ އަތުން ފައިސާ ނެގޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެ އެވެ.

މަނިކު ވިދާޅުވީ ޕެންޝަން ފަންޑުގައި ބައިވެރިވާ މީހުންގެ އަދަދު ގިނަވާ ވަރަކަށް، އިދާރީ ފީގެ ގޮތުގައި ބައިވެރިންގެ އަތުން ނަގާ ފީ ކުޑަ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕެންޝަން ފަންޑުގައި މިހާތަނަށް 127،000 މީހުން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް ގަވާއިދުން އެ ފަންޑަށް ޖަމާ ކުރަމުން ދަނީ 87،000 މީހުންގެ ޕެންޝަން ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން 1000 މީހަކު މިހާރު ރިޓަޔާ ކޮށްފައިވާ ކަމަށާއި އެ މީހުންނަށް ވެސް އެ ޕެމްޝަން ސްކީމުގެ ތެރެއިން ފައިސާ ލިބޭ ކަން މަނިކު ފާހަގަ ކުރެއްވި އެވެ.