ދައުލަތުގެ ދަރަނި ބޮޑުވެ، އިމާރާތްތަކާއި ހަރުމުދާ ހުރީ ރަހުނު ކޮށްފައި ކަމަށް ވިދާޅުވެ، މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕީޕީއެމްގެ ޓިކެޓް ޔާމީނާ ހަވާލުކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ދަރަނި ހަ ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އެ ދަރަނިތަކުގައި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް ވެސް ހުރީ ރަހުނު ކޮށްފައި ކަމަށެވެ. އަދި އެ ދަރަނީގެ ޒިންމާއިން މި ސަރުކާރުން ނުފުލާނެ ކަމަށާއި އަދި އޭގެ ބުރަ އަންނާނީ ދެން އަންނަ ސަރުކާރަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި ސަރުކާރު މި އޮތީ ނިމިފައި. މި ސަރުކާރުން ޒިންމާ ނުއުފުލާނެ. ދަރަނީގައި ބަހައްޓާފައި، ރަހުނުގައި ބަހައްޓާފައި ހުރި ދައުލަތުގެ ޕްރޮޕަޓީތައް ހިމާޔަތް ކުރަން މި ސަރުކާރުން ޒިންމާއެއް ނުއުފުލާނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ނެޓް ރިޒާވް މިހާރު އޮތީ 280 މިލިއަން ޑޮލަރަށް ވެއްޓިފައި ކަމަށް ބެލެވެ އެވެ. އެކަމަކު އެމަނިކުފާނު ވެރިކަމުގައި 900 މިލިއަން ޑޮލަރަށް ވުރެ ގިނައިން އެ ރިޒާވްގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ބޮލަކަށް ޖެހޭ ދަރަނި މިހާރު އޮތީ ދެ ލައްކަ ރުފިޔާގައި ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ މިއަދުގެ ޖުމްލަ ދަރަންޏަކީ 6،000 މިލިއަން ޑޮލަރު ކަމަށް ވާއިރު ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގައި ހުރި ރިޒާވްގައި ހުރި އަދަދަކީ އެންމެ 280 މިލިއަން ޑޮލަރު،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އިތުރަށް ލޯނު ނަގަން ރަހުނު ކުރާނެ އެއްޗެއް ނެތް ހިސާބަށް މިހާރު ވަނީ ގޮސްފަ އެވެ. އަދި މިހާރު ހުރި ލޯނުތައް ދައްކަން އެހެން ގައުމުތަކުން އެހީ ދޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ފައިސާ އަދާކުރާކަށް އަޅުގަނޑު ގަބޫލެއް ނުކުރަން ބޭރުގެ ދައުލަތަކުން ފައިސާ ދޭނެ ކަމަކަށް. އަދި ސަރުކާރުން އެކަމަށް މަސައްކަތް ކުރާއިރު އަދި އެކަން ވެފައެއް ނެތް." ޔާމީން ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން ފެށި މަޝްރޫއު ވިއްޔާ "އަރަނީ ފަރަށް" ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ކަމަކީ އެމަނިކުފާނުގެ ސަރުކާރުން ފެށި މަޝްރޫއުތައް ރިބަން ފަށް ކެނޑުން ކަމަށް ވެސް ވިދާޅުވި އެވެ.
ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސިޔާސަތަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން ކުރާ ކަމަކީ ސެޓްލްމަންޓް އެގްރިމެންޓް ހަދައިގެން ވަކި ބަޔަކަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ބަދަލު ދޭން ނުޖެހޭނެ ކަމަށް ގާނޫނީ ލަފާ ލިބިފައިވާ އެތައް ބަޔަކަށް ބަދަލުގެ ގޮތުގައި މި ސަރުކާރުން ފައިސާ ދީފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ގާތް ރަހުމަތްތެރިން ހިމެނޭ ގޮތަށް އެކިއެކި މީހުންނަށް ސެޓްލްމަންޓްގެ ނަމުގައި ސެޓްލްމަންޓް ކޮމެޓީއެއް ހަދައިގެން ދޭންވާ ފައިސާއެއް ދީ ނިމުނީމަ ސެޓްލްމަންޓް ކޮމެޓީ ވެސް އުވިގެން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުގެ އިތުރުން ވަކި ބަޔަކަށް ކޮރަޕްޝަންގެ ތެރެއިން ވަޒީފާ ހޯދައިދެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އެހާ ބޮޑެތި ކަންކަން ހިނގާއިރު ވެސް، ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންޓި ކޮރަޕްޝަނެއް ނުހިނގާ، އޮޑިޓާ ޖެނެރަލެއް ނުހިނގާ." އެމަނިކުފާނު ވިދާޅުވި އެވެ.
ގާތް ރަހުމަތްތެރިން ހިމެނޭ ގޮތަށް އެކިއެކި މީހުންނަށް ސެޓްލްމަންޓްގެ ނަމުގައި ސެޓްލްމަންޓް ކޮމެޓީއެއް ހަދައިގެން ދޭންވާ ފައިސާއެއް ދީ ނިމުނީމަ ސެޓްލްމަންޓް ކޮމެޓީ ވެސް އުވިގެން ދިޔައީ: ޔާމީން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ޔާމީން ވިދާޅުވީ މި ސަރުކާރުގައި އެކަން ނުބެލޭ ސަބަބު ބަލަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިޝާރާތް ކުރައްވައި، އޭނާ ގޭގައި ހުންނެވީ ކީއްވެގެންތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.
ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންނާއި ފައިސާ އުފުލި މީހުން އެ ފައިސާ ލޯންޑާކުރި މީހުން ވެސް މިހާރު ތިބީ ސަރުކާރުގެ ހިމާޔަތުގައި ކަމަށެވެ. އަދި އެ ޚިޔާނާތުގެ މައުލޫމާތު ސަރުކާރުން ހާމަ ނުކުރަނީ ކީއްވެގެންތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"ކީއްވެގެންތޯ ބޮޑު ސިއްރަކަށް މިކަން މި އޮތީ؟." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެ ފަދަ ކުޑަ އިގްތިސާދެއްގައި އެތައް ހާސް ވަޒީފާ އުފެއްދުމަކީ އުނދަގޫ ކަމަށް ވިޔަސް، 90،000 އަށް ވުރެ ގިނަ ވަޒީފާ ޒުވާނުންނަށްޓަކައި އުފައްދާފައިވާ ކަމަށެވެ. އެކަމަކު މި ސަރުކާރުގެ ހަތަރު އަހަރުގެ ވެރިކަމުގައި އުފެއްދުނީ އެންމެ 4،000 ވަޒީފާ ކަމަށް ވިދާޅުވި އެވެ. އަދި ޒުވާނުންނާ މެދު ސަރުކާރުތަކުން އަޅާލާ ނަމަ، އެ މީހުންގެ މަގުން ކައްސާލައިގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.