ރާއްޖެ އިން އިންޑިއާ އާއި މެލޭޝިއާ އަދި އެމެރިކާ އަށް އަލަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރަކީ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވި އިބްރާހިމް ޝަހީބެވެ. އޭނާ ވަނީ ފޮރިން މިިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި ޕާމަނަންޓް ސެކްރެޓަރީ ކަމާއި ސިންގަޕޫރުގެ ދިވެހި ސަފީރު ކަމާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ކަމާއި ސިންގަޕޫރުގައި ހުންނެވި ރާއްޖޭގެ އެކްޓިން ހައިި ކޮމިޝަނަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅާ އާ ސަފީރަކީ ވެސް ސަރުކާރުގެ ގިނަ މަގާމުތަކެއް ކުރިން ފުރުއްވި އަލީ ހުސައިން ދީދީ (އަލިދީ) އެވެ. އޭނާ ވަނީ މާލެ މުނިސިޕަލްޓީގެ ރައީސް ކަމާއި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ލަންކާގެ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް އަލިދީ ކުރިން ފުރުއްވި އެވެ. އޭނާ ވަނީ ޔޫރަޕިއަން ޔޫނިއަންގައި ދިވެހި ސަފީރުގެ ހައިސިއްޔަތުން ކުރިން މަސައްކަތް ކުރައްވައިފަ އެވެ.
އެމެރިކާ އަށް ކަނޑައަޅާ އާ ސަފީރަކީ ކުރީގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ. އޭނާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
އެ ބޭފުޅުން އެ ތިން ގައުމުގެ ސަފީރުކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނީ 46 މެމްބަރުންގެ ވޯޓުންނެވެ.