ފުށިފަރު މޯލްޑިވްސް ރިސޯޓުގެ "ޕްލާސްޓިކާ ނުލާ" ކެމްޕެއިނުގެ ދަށުން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފޮތި ކޮތަޅު ހަދިޔާކޮށްފި އެވެ.
މިއަދު ޅ. ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެ ކެމްޕެއިނު ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
މުނި ގްރޫޕް އަދި ދިރާގާ ގުޅިގެން ފުށިފަރު ރިސޯޓުން ފެށި މި ކެމްޕެއިނުގެ މަގްސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނައްތާލުން ފަދަ އިކޯ ފްރެންޑްލީ ބަދަލުތަކެއްގެ ތެރެއިން ކަނޑުގެ ދިރުންތައް އަލުން ހޯދައިދިނުމަށް އެހީތެރިވެދޭނެ ގޮތްތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.
އެ ކެމްޕެއިނުގެ ދަށުން ފުށިފަރު ރިސޯޓުން ވަނީ ފެލިވަރުގެ އިތުރުން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހަތަރު ރަށުގެ ހުރިހާ ގޭބީސީތަކަށް އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ ފޮތި ކޮތަޅު ހަދިޔާކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުކީ މިހާރުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއް ކަންތައް ކަމަށާއި އޭގެތެރެއިން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން ނައްތާލަން ކުރާ މަސައްކަތުގައި ފުށިފަރުން ފެށި މި ކެމްޕެއިނަށް މަރުހަބާ ކިޔާ ކަމަށެވެ.
"ޕްލާސްޓިކު ބޭނުން ކުރުން ހުއްޓާލާ، އެއިން ލިބޭ ފަސޭހަތައް ކުޑަކުޑަ ތަކުލީފަކާ އެކު އެހެން އެއްޗަކަށް ބަދަލުކޮށްލުމަކީ މި ގައުމުގެ އިގްތިސޯދީ އަދި ސިއްހީ މިސްރާބު ހެޔޮވެ، އަންނަން އޮތް ޖީލުތަކަށް މި ނަލަ ދިވެހި ރާއްޖެ ރީތި ގޮތުގައި ގެންދިއުމަށް ގެނެވޭނެ ހެޔޮ ބަދަލެއް،" ޑރ. މައުސޫމް ވިދާޅުވި އެެވެ.
ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމުގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒުކުރި ނަމަވެސް އެކަން ކުރިއަށް ގެންދެވޭނީ ރައްޔިތުން ވެސް އެކަން ތަންފީޒުކޮށްގެން ކަން ފާހަގަކުރައްވަމުން ޑރ. މައުސޫމް ވިދާޅުވީ މިފަދަ ކެމްޕެއިނުތައް ހިންގުމުގައި ރިސޯޓުތަކައި ރަށު ކައުންސިލް އަދި އަންހެނުންގެ ކޮމެޓީތަކަށް އެ މިނިސްޓްރީގެ އެއްބާރުލުން ދޭނެކަމަށެވެ.
ޕްލާސްޓިކު ބޭނުން ކުރުން ހުއްޓާލާ، އެއިން ލިބޭ ފަސޭހަތައް ކުޑަކުޑަ ތަކުލީފަކާއެކު އެހެން އެއްޗަކަށް ބަދަލުކޮށްލުމަކީ މި ގައުމުގެ އިގްތިސޯދީ އަދި ސިއްހީ މިސްރާބު ހެޔޮވެ، އަންނަން އޮތް ޖީލުތަކަށް މި ނަލަ ދިވެހި ރާއްޖެ ރީތި ގޮތުގައި ގެންދިއުމަށް ގެނެވޭނެ ހެޔޮ ބަދަލެއް: ޑރ. އަބްދުﷲ މައުސޫމް
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތައް އަދި ޖަމިއްޔާތަކުން މިފަދަ ކެމްޕެއިނުތަކުގައި ބައިވެރިވާތީ މިނިސްޓަރު މައުސޫމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ފުށިފަރުން ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކުރައްވައި އެ ރިސޯޓަށް ވެސް މިނިސްޓަރު ޝުކުރުއަދާ ކުރެއްވި އެވެ.
މި ކެމްޕެއިނުގެ މެއިން އެއް ސްޕޮންސަރު ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު މިއަދު ރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ހިންގޭ މިފަދަ ކޮންމެ ކެމްޕެއިނެއް ނުވަތަ ހަރަކާތަކަށް ދިރާގުން ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ފުށިފަރުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިނަކީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަހްމަދު ސިއާރު އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
"އަޅުގަނޑުމެންގެ ރިސޯޓު އޮޕެރޭޓުކުރަން ފެށީއްސުރެ، ތިމާވެށި ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކޮށް، ކަނޑުފަރު ސާފުކޮށް ބެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތަކާއި އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން،" ސިއާރު ވިދާޅުވި އެވެ.
ފުށިފަރު ރިސޯޓަކީ ޓޫރިޒަމް ސިނާޔަތުގައި ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ތަންތަން އަގުވަޒަން ކުރުމުގެ ގޮތުން ދޭ ބައިނަލްއަގުވާމީ "ގްރީން ގްލޯބް" ސެޓްފިކެޓް ހޯދާފައިވާ ރިސޯޓެކެވެ. އަދި ދެމެހެއްޓެނިިވި ގޮތެއްގައި ދަނޑުހެއްދުމާއި ރިސޯޓުގެ މުވައްޒަފުން މިފަދަ ކަންކަމަށް ހޭލުންތެރިކުރުމަކީ ފުށިފަރު ރިސޯޓުން މިހާރު ވެސް ކުރަމުން އަންނަކަމެއްކަން ސިއާރު ފާހަގަކުރެއްވި އެވެ.
ފުށިފަރުގެ "ޕްލާސްޓިކާ ނުލާ" ކެމްޕެއިނުގެ ދަށުން މިއަދު ތައާރަފްކުރި ފޮތި ކޮތަޅު އެ ރިސޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވިއްކައިގެން ލިބޭ އާމްދަނީން ބައެއް، ކުރިމަގުގައި ޅ. އަތޮޅުގެ ރައްޔިތުންނަށް ތިމާވެށި ހިމާޔަތްކުރުމަށް ހިންގޭ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގައި ހޭދަކުރާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.
މިއަދު ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގު އަދި މުނި ގްރޫޕްގެ ބައެއް އިސްވެރިންނާއި ހިންނަވަރު ކައުންސިލްގެ ރައީސް އަދި މެންބަރުންނާއި އެ އަތޮޅުގެ މީހުން ދިރިއުޅޭ އެހެން ރަށްތަކުގެ ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގަތެވެ.