ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށުމާއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ދުރު ކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންގެ ސޮއި ހަމަ ކުރަން ފަށައިފި އެވެ.

މިކަން ފެށުނީ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރު ކުރި ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ދިފާއުގައި އެމަނިކުފާނު ނުކުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެއްވުމުންނެވެ.

އެނގިފައިވާ ގޮތުގައި ނަޝީދާ އެކު އީވާ މަގާމުން ވަކި ކުރުމަށް އެކުލަވާލި ގަރާރުގައި ރެއާ ހަމަޔަށް ހަތް މެމްބަރުން ވަނީ ސޮއިކުރައްވައިފަ އެވެ.

"ގިނަ މެމްބަރުން މިވަގުތު މާލޭގައި ނޫޅުއްވާތީ އަދި އެހާ ގިނައިން ސޮއި ނުލިބޭ. އެކަމަކު އަންނަ ދައުރަށް މި މައްސަލަ ހުށަހެޅަން އަޅުގަނޑުމެންގެ ވިސްނުން ހުރީ،" އެ ގަރާރުގައި ސޮއި ކުރެއްވި އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހު 18 ގަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ ކޯޅުން އިންތިހާ އަށް ބޮޑުވެެފައިވާއިރު، މަޖިލިހުގެ އަގުލަބިއްޔަތު މި ވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުގަ އެވެ.

މައްސަލަ ހޫނުވީ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖާ ގުޅިގެންނެވެ. އޭގައި އެމަނިކުފާނު ވިދާޅުވީ، އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް ގުޅުން ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ.

އެކަމަކު، އެ ފޮޓޯތައް ދެއްކުމަށް ނުވަތަ ފުލުހުންގެ އިދާރާ އަށް ރަސްމީކޮށް ހުށަހަޅުއްވައިގެން އެ މައްސަލަ ކުރިއަށް ގެންދަން މެމްބަރުން އެދިވަޑައިގަތުމުން ނަޝީދު ޖަވާބެއް ނުދެއްވަ އެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވާ ކަމަށެވެ.