ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދެ ގައުމުގެ ވިޔަފާރި ކުރިއެރުވުމަށާއި ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 2-3 އަށެވެ. ނަމަވެސް ތާރީހެއް އަދި ރަސްމީކޮށް ނުނިންމަ އެވެ.
އިންޑިއާގެ ވިޔަފާރީގެ މައި ހަބު، މުމްބާއި އަށް ވަޑައިގެން ވިޔަފާރިވެރިންނާ ވެސް އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުގައި ވެ އެވެ.
ރައީސް ނޮވެމްބަރު 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ގައުމަކީ އިންޑިއާ އެވެ. ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރާއި 1،000 ސްކޮލަޝިޕް އެހީގެ ޕެކޭޖް ދޭނެ ކަމަށް އެ ދަތުރުފުޅުގައި އެ ގައުމުން އިއުލާންކުރި އެވެ.
ބޮޑުވަޒީރުގެ މަގާމަށް ނަރެންދްރަ މޯދީ ދެ ވަނަ ދައުރަކަށް 2019 ވަނަ އަހަރު އިންތިހާބު ވުމަށް ފަހު، އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ވެސް ރާއްޖެ އެވެ.
އިންޑިއާގެ 260 މިލިއަން ރުފިޔާގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 45 މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އިޖުތިމާއީ އަދި ވިޔަފާރިއާ ޓޫރިޒަމް ތައުލީމު އަދި ސިއްހަތާ ގުޅޭ އެކި ކަންކަން ހިމެނެ އެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް 17 މަސައްކަތެއް ވަނީ ނިންމައިފަ އެވެ.