ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތަސް، އޭނާ ރާއްޖޭގައި މަޑު ނުކުރައްވާނެ ކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފި އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވުމުން ގޮތަބަޔާ އާއި އޭނާގެ އާއިލާ ރޭ މެންދަމު އަސްކަރީ ފްލައިޓެއްގައި ރާއްޖެ ވަޑައިގަތުމުން އާންމުންގެ ފާޑުކިޔުން ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މިކަމާ ބެހޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ދިވެހި ސަރުކާރުގެ އިސް ބޭފުޅަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުގައިވާ ގޮތުން ގޮތަބަޔާ ރާއްޖެ ވަޑައިގަތީ ޓްރާންސިޓް މަންޒިލެއްގެ ގޮތުންނެވެ. އެކަމަކު އޭނާ ދެން ވަޑައިގަންނަވާނެ ގައުމެއް އޮފިޝަލް ހާމަ ނުކުރާ ކަމަށް އެ މީޑިއާތަކުގައިވެ އެވެ. އަދި ގޮތަބަޔާ ރާއްޖޭގައި ހުންނެވި ތަނެއް ވެސް ހާމައެއް ނުކުރެ އެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތީ އޭނާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަތުމަށް އިއްޔެ މަސައްކަތް ކުރެއްވުމުން އެއާޕޯޓް މުވައްޒަފުން އެކަމަށް ހުރަސް އެޅުއްވުމުންނެވެ. އެހެންވެ، ރާއްޖޭގައި މަޑުކުރުމަށްފަހު ދެން އޭނާ ވަޑައިގަންނަވާނީ ދުބާއީއަށް ކަމަށް ވެސް ބައެއް މީޑިއާތަކުގައިވެ އެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމެރިކާ އާއި އިންޑިއާއަށް ވަޑައިގަތުމުގެ ހުއްދައަށް އެދުމުން ވެސް އެ ދެ ގައުމުން އެކަމަށް ދެކޮޅު ހެދި އެވެ. އޭނާ ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިވެވަޑައިގެން ކަމަށް ވެސް ބޭރުގެ މީޑިއާތަކުގައިވެ އެވެ.