މާލޭ ސަރަހައްދުގައި މި އަހަރުގެ އަޟްޙާ އީދު ނަމާދުކުރާނީ ބޮޑު ޖަމާއަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ބޮޑު އީދު ނަމާދުކުރުން އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ މާފަންނަނު ސްޓޭޑިއަމްގަ އެވެ. އަދި ހުޅުމާލޭގައި ސިންތެޓިކް ޓްރެކްގައި ނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ވިލިމާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ ބޯޅަދަނޑުގައި ކަމަށް މިނިސްޓްރީން ބުންޏެެވެ.
މިނިސްޓްރީން ވަނީ ނަމާދަށް ދާއިރު ބައެއް ކަންކަމަށް ސަމާލުވުމަށް ވެސް އަންގައިފަ އެވެ. އޭގެ ތެރޭގައި ގެއިން ވުލޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައެއް އަދި ފެންފުޅިއެއް ވެސް ގެންދިއުމަށް ސަމާލުވުމަށް އެންގި އެވެ.
މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ގޮތަށް ހަމަޖެއްސިޔަސް މޫސުން ގޯސްވެއްޖެ ނަމަ އީދު ނަމާދުކުރުން އޮންނާނީ މިސްކިތުގައި ކަމަށެވެ.
މިއަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.