މާލޭ އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުގައި މީހަކު މަރުވި އެކްސިޑެންޓް ހިނގަން މެދުވެރިވީ އާދަޔާ ހިލާފު ބާރަށް ކާރު ދުއްވާފައި އަންނަނިކޮށް ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅުގައި ޖެހިގެން ކަމަށް އެ މަންޒަރު ފެންނަ ވީޑިއޯ އިން ހާމަވެއްޖެ އެވެ.
އެކްސިޑެންޓުވި ރަތް ކުލައިގެ ކާރު މެރީ ބްރައުން ރެސްޓޯރަންޓާވީ ކޮޅުން ބާރު ސްޕީޑުގައި ދުއްވާފައި އައީ ކާރު ދުއްވާ ލޭނުންނެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ އެ ވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކާ ބަހެއް ވެސް އައީ ދަތުރުކުރަމުންނެވެ. އެ ދެ ވެހިކަލް އޮތީ ކުރިމަތިން ދިމާ ނުވާ ގޮތަށް މަގުގެ ދެ ފަޅީގަ އެވެ.
ކާރު ގޮސް ބަސް އޯވަޓޭކްކުރަން އުޅުނީ ކަމަށް ވާހަކަ ދެކެވުނަސް ވީޑިއޯ އިން އެނގޭ ގޮތުގައި ދެ ވެހިކަލް އައީ ދެކޮޅުންނެވެ.
އެކްސިޑެންޓުވި ވަގުތު ވާރޭ ވެހެމުން ދިޔަ ނަމަވެސް އެ ވަގުތު ކަސްރަތަށް ބަޔަކު ދުވެފައި ވެސް ދެ އެވެ. އެ މީހުންގެ ގައިގައި ވެސް ކާރުން ނުޖެހި ސަލާމަތްވީ ކިރިޔާ އެވެ.
އެންމެ ފުރަތަމަ މީހުން ސަލާމަތްކުރަން ދަނީ ވެސް މަގުމަތިން ދުވެފައި ދިޔަ މީހުންނެވެ.
އެ އެކްސިޑެންޓުގައި ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އެކަމަކު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެތަނުން އަންހެނަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު މީހެއްގެ ސާޖަރީއެއް ހަދަމުން އަންނައިރު އަނިޔާވި އެކަކު އަދި ހޭނާރަ އެވެ. އަނެއް މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށްވެ އެވެ.
އެކްސިޑެންޓުގައި ބަސް ޑްރައިވަރާއި ދެ އެހީތެރިންނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ. އެމީހުންނަށް އޭޑީކޭގައި ފަރުވާދިން ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށްވެ އެވެ.
އެ އެކްސިޑެންޓުގައި ރަތް ކާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުވެފަ އެވެ. އަދި ބަހުގެ ކުރީކޮޅަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ.