ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރަން ކޯޓުތަކަށް މަޖުބޫރުކުރެވިދާނެ ދެ ހާލަތަކާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލް މިއަދު ފާސްނުކޮށް، އިސްލާހުކޮށްދޭން ނޫސްވެރިން ތަމްސީލްކުރާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަޖިލީހުގައި އެދިއްޖެ އެވެ.
އެ ބިލާ މެދު މީޑިއާތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮވެ، އެކަން ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ފާސްކުރަން ވަނީ އެޖެންޑާކޮށްފަ އެވެ. މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން އެ ބިލް ފާސްކުރުމުގެ ބަދަލުގައި މީޑިއާތަކުން ހުށަހެޅީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބެންދެން ފާސްނުކުރުމަށެވެ.
އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ނޫސްވެރިންގެ ކަންބޮޑުވުން އޮތީ ހެއްކާ ބެހޭ ބިލްގެ 136، "ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ބަޔާންކުރާ" މާއްދާ މިހާރު އޮތް ގޮތުންނެވެ. އެ ބިލް މިހާރު އޮތީ ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.
އެ ބިލުގެ ހ. ގައި ވަނީ ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކު ކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ އަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާ ނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.
އެކަމަކު އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ "މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު އަންނަނިވި ކަންކަމަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ އެވެ.
އެމްޖޭއިން ބުނި ގޮތުގައި އެ މާއްދާ މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ކޯޓުތަކަށް ވަނީ ހުޅުވިފަ އެވެ.
"މިކަމުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ،" އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ވެ އެވެ.
ބިލުގެ ކޮމިޓީ މަރުހަލާގައި ވެސް އެމްޖޭއޭ އިން ވަނީ އެ މާއްދާ އޮތް ގޮތާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ، ހަރުކަށި ކުރެވިފައިވާ ހާލަތްތަކެއްގައި ނޫނީ މަސްދަރު ހާމަކުރަން އެންގުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމްޖޭއޭ އިން ކޮމިޓީގައި ބުނެފައިވެ އެވެ.
"އަދި ކޮމިޓީގެ ފަރާތުން 136 ވަނަ މާއްދާގެ ދެ ވަނަ ޑްރާފްޓަކަށް ހިޔާލު ހޯދަން މި އެސޯސިއޭޝަނަށް ފޮނުވި ނަމަވެސް އެ ޑްރާފްޓަށް ހިޔާލު ފޮނުވުމަށް ވަގުތުކޮޅެއް ދޭން ޖުޑިޝަރީ ކޮމިޓީގައި އެދިފައި ވަނިކޮށް އެ ޑްރާފްޓަށް މި އެސޯސިއޭޝަނުގެ ހިޔާލެއް ދިނުމުގެ ކުރިން ކޮމިޓީން ބިލް ފާސްކޮށްފައިވެ އެވެ.،" އެމްޖޭއޭ އިން ބުންޏެވެ.
އެ ބިލް މިހާރު އޮތީ، އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެމްޖޭއޭއާ ގުޅިގެން މަސައްކަތްކުރާ އައިއެފްޖޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މީގެ ކުރިން ގޮވާލާފައިވާ ގޮވާލުންތަކާ ފުށުއަރާ ގޮތަށެވެ.
މި މައްސަލައިގައި ކަންބޮޑުވުންފާޅުކުރި ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރު ކޮށްދިން ނަމަވެސް އެ މާއްދާގެ ށ. ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވާ ކަމަށެވެ.
"ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެ ނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަަމަށް ކޯޓަށް ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދައި އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސްއެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި މިގޮތަށް ފާސްކޮށްފި ނަމަ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ އެވެ.
"މި ބިލުގެ 136 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ދެ ހާލަތުން ކުރެ އެއް ހާލަތަކީ ވެސް އެއްވެސް ޒާތީ ތައައްސުބެއް ނެތި ހަމައެކަނި ހެއްކަކަށް ބުރަވެ ވަޒަން ކުރެވޭނެ ހާލަތްތަކެއް ނޫން ކަން މި ގުޅިފައިވާ ބަޔާނުގައި ބައިވެރިވާ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ،" އެ ބަޔާނުގައިވެ އެވެ.