މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން އެހެން އެއްވެސް ރަށެއްގެ ރަޖިސްޓަރީގައި ނެތް މީހުންނަށް މާލެ އިން ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭގެ މީހުންނަށް ދޫކުރާ ގޯތީގެ އުސޫލުގައިވާ ގޮތުން، ގޯތި ލިބޭނީ މާލޭ ނޫން އެހެން އެއްވެސް ތަނެއްގައި ރަޖިސްޓަރީވެފައި ނުވާ މާލޭގެ ރަށްވެހިންނަށެވެ. އެއާ އެކު ގިނަ ބަޔަކަށް ހީވެފައި އޮތީ ދަފްތަރުގައި ޖެހިފައި ތިބި އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށެވެ.
އެކަމަކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ދަފްތަރުގައި ތިބި މީހުންގެ ތެރެއިން އެއްވެސް އިރަކު އެހެން ރަށެއްގައި ރަޖިސްޓަރީނުވާ މީހުންނަށް މާލެ އިން ގޯތި ލިބޭނެ ކަމަށެވެ.
"ދަފްތަރުގައި ތިބި މީހުންގެ އަދަދު ބަލައި ވަކި އަދަދެއް އެ މީހުންނަށް ކަނޑައަޅާނެ،" އަކްރަމް ވިދާޅުވި އެވެ.
މާލެއިން 40 އަހަރު ފަހުން ގޯތި ދޫކުރަނީ މާލެ ފުރި، ތޮއްޖެހުމުން އެ މީހުންނަށް ހިއްކާފައި އޮތް ހުޅުމާލެ އިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯއްޗެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލެ ސަރަހައްދުން މި ދައުރުގައި 5،000 ގޯތި ހިލޭ ދޫކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލަފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ގެ ނިޔަލަށެވެ.