ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުފުޅު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެ މަނިކުފާނަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ މިއަދު ހެނދުނު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ، ޔާމީންގެ ވަކީލުންގެ އެހެން މައްސަލައެއް ހައި ކޯޓުގައި މިއަދު އޮތުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެންމެ ފަހުން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ދައުވާ ލިބޭ ޔޫސުފް ނައީމްގެ ވަކީލެއްގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.
އާރަށް މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.