މީގެ ހަފްތާއެއް ކުރި އެވެ؛ ޔޯގާ ހަރަކާތާ ދެކޮޅަށް ނިކުމެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދީނީ ދެ އިލްމުވެރިން ފަހަތުން ފުލުހުންގެ ސުވޮޓު ފޮނުވައި އެ މީހުން މަގުމަތިން ހިފަހައްޓައި ހައްޔަރު ކުރި އެވެ. ހަމަ އެ ވަގުތާ ދިމާކޮށް، އިސްލާމިކް މިނިސްޓްރީން ލިޔެ ތައްޔާރު ކޮށްފައި އޮތް އެންގުމެއް ނެރެ އެ ދެ ޝޭހުންގެ ދީނީ ތަގުރީރު ކުރުމުގެ ހުއްދަ ވަގުތުން ހިފެހެއްޓި އެވެ.

ގެއްލުން ދިނުމާއި ބިރު ދެއްކުން ނޫނަސް މިހާރު ފެންމަތިވެގެން މި އުޅޭ، އެތައް ބަޔަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކީ ވެސް ގާނޫނުލްއުގޫބާތުގައި ބޮޑު އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. ވަކިން ހާއްސަކޮށް މީގެ ތެރޭގައި ނުފޫޒު ގަދަ ސިޔާސީ މީހުންނާއި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭތީ މީގެ ސީރިޔަސް ކަން ބޮޑުވެ އެވެ.

އެކަމަކު އެ މީހުންނާ ދޭތެރޭ އެޅޭ އެއްވެސް ހަރުކަށި ފިޔަވަޅެއް ނުފެނެ އެވެ. ހައްޔަރު ކުރުން އަދި އެއް ފަރާތުގައި ބާއްވާފައި، ކުޑަމިނުން ހުއްދަ ބާތިލު ކުރުމެއް، މަގާމުން ދުރު ކުރުން ނުވަތަ ސަސްޕެންޑު ކުރުމެއް ވެސް ނެތެވެ. ފުލުހަށް ހާޒިރުވެލަން އެންގުން ފިޔަވައި އެހެން އުނދަގުލެއް "އިއްޒަތްތެރި" މެމްބަރުންނަކަށް ނުޖެހެ އެވެ.

އެހެން ގައުމެއްގައި ނަމަ މިވަރުގެ ކަމެއް ހިނގުމުން އަމިއްލަ އަށް އިސްތިއުފާ ވެސް ދިނީހެވެ. އެކަމަކު އެ ހިޔާލެއް މި މެމްބަރުންގެ ނެތެވެ. "އިމްތިޔާޒާއި ބާރު" އޮތުމުން، ޖެހިލުމެއް ނެތި މަޖިލީހަށް ވެސް ގޮސް މަސައްކަތުގައި ބައިވެރިވެ އެވެ. މެމްބަރުންގެ ޑިސިޕްލިނަރީ މައްސަލަތައް ބަލަން އިމްތިޔާޒާއި ސުލޫކް ކޮމިޓީއެއް ވެސް އޮވެ އެވެ. އެކަމަކު މި މައްސަލަތައް ފެންނަ ކަމަކަށް ނުވެ އެވެ.

މަޖިލިސް މެމްބަރުން
މަޖިލިސް މެމްބަރުން

"މުރަނގަފަތް ބިންނަ ވީޑިއޯއެއް ލިބުނީމަ އެ މީހާ ހައްޔަރު ނުކުރެވިގެން އުޅުނު. ސިޔާސީ މީހުން ޖިންސީ ގުޅުން ހިންގާ ވީޑިއޯ އާންމުވެގެން އުޅޭ އިރު ހައްޔަރު ކުރަން ޖެހޭ ސަބަބެއް ފުލުހުންނަށް ނުފެނޭ. ބަރާބަރަށް ގޮސް އެ އިންނަނީ މަޖިލީހުގަ ރިޕޯޓު ހުށަހަޅަން،" ޓުވިޓާ ތެރޭ ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ.

މަޖިލީހުގެ ގަވައިދުގެ 66 ވަނަ މާއްދާގައި ބުނާ ގޮތުން މެމްބަރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަން ވާނީ މަޖިލީހުގެ "ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ" ގޮތުގެ މަތިންނެވެ. މި ވީޑިއޯތައް ލީކުވި ހިސާބުން ފެށިގެން ބައެއް މެމްބަރުންގެ އެ ހަތަރު ސިފަ ގެއްލިއްޖެ އެވެ. މަޖިލީހުގެ ގަވައިދާ ސީދާ ހިލާފަށް އަމަލު ބެހެއްޓިކަމަށް ތުހުމަތު ކުރެވޭ އިރު ސުލޫކް ކޮމިޓީން މި މައްސަލަ ބަލަން މަޖުބޫރު ވާނެ އެވެ.

ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ސުލޫކް ކޮމިޓީއަށް މެމްބަރެއްގެ މައްސަލައެއް ހުށަހެޅިޔަސް މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީގެ ބެކިން އެ މެމްބަރަކަށް ލިބިފައިވާ ނަމަ ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އެޅޭނެ ފިޔަވަޅެއް ނޯންނާނެ އެވެ. ކޮމިޓީތަކުގައި މެމްބަރުން ތަރުތީބުވެ ބެހިފައި އޮންނަނީ އެ ޕާޓީއެއް ޖުމްލަ މެމްބަރުންގެ ނިސްބަތުންނެވެ. އެހެންވެ މިވަގުތު ހުރިހާ ކޮމިޓީއެއްގެ ބޮޑު މެޖޯރިޓީއަކީ އެމްޑީޕީ މެމްބަރުންނެވެ.

"ސިޔާސީ ޕާޓީތަކުގެ ނިޒާމް މި އޮތް ގޮތުން އެ ޕާޓީއެއްގެ މެޖޯރިޓީ އޮއްވާ އެ ބައެއްގެ މެމްބަރެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. 19 ވަނަ މަޖިލީހުގައި ވެސް މި މަޖިލީހުގައި ވެސް ކަން ހިނގަނީ އެ އުސޫލުން،" އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

މަޖިލިސް މެމްބަރުންގެ ބާރާއި އިމްތިޔާޒުތައް އޮންނަން ޖެހޭ ވަރަށް ވުރެ ފުޅާކޮށް ދޫކޮށްލާފައި އޮންނަ ކަމަށް އުޝާމް ގަބޫލު ކުރައްވަ އެވެ. މީގެ ކުރިން ބައެއް މެމްބަރުންގެ ސުލޫކީ މައްސަލަތައް މަޖިލީހުން ބަލާފައި އެބަހުއްޓެވެ. އެކަމަކު އަޅާފައި ވަނީ "ނަސޭހަތް ދިނުން" ފަދަ ފިޔަވަޅުތަކެކެވެ. ސުލޫކީ މައްސަލައެއްގައި މެމްބަރުން ސަސްޕެންޑު ކުރުން ނުވަތަ ގާނޫނުއަސާސީ އާ ވެސް ހިލާފު ވާހަކަތަކެއް ދައްކައިގެން ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތެވެ. އަދި އަމުދުން މެމްބަރުކަަމުން ވަކި ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ނޯންނަ ކަމަށް އުޝާމް ވިދާޅުވި އެވެ.

"މެމްބަރުން ގާނޫނުއަސާސީ އެކުލަވާލާފައި މި އޮތް ގޮތަަށް ބަލާއިރު ޖިނާއީ ކޮންމެ ކަމެއް ކުރިޔަސް ބޮޑު ހުކުމެއް ނާންނަ ހިނދަކު އެ މެމްބަރަކު ވަކި ކުރެވޭކަށް ނޯވޭ. ދޮގު ހެދިޔަސް، މެމްބަރުންގެ ޒިންމާ އަދާ ނުކުރިޔަސް މަޖިލީހަށް ހާޒިރު ނުވިޔަސް އެ މެމްބަރަކާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ،" އުޝާމް ވިދާޅުވި އެވެ.

ހާއްސަ އިމްތިޔާޒުތަކާއި ބާރުތަކުގެ ނިވަލުގައި މެމްބަރުން ތިބި އިރު މި މައްސަލާގައި އެ މެމްބަރުންނަށް ސިޔާސީ ގޮތުން ދީފައިވާ "ހިމާޔަތް" ވެސް ކުޑައެއް ނޫނެވެ.

މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ ސީދާ މަސްލަހަތު އޮތް އިރު ލިވާތު ކުރުމާއި ގިނަ ބަޔަކު ބައިވެރިވެގެން ޖިންސީ އަމަލު ހިންގާތީ އެކަން ހުއްޓުވުމަށާއި އެ މައްސަލާގައި ވީހާ ވެސް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ އެމަނިކުފާނު ރިޔާސަތުގައި އެޖެންޑާ ވެސް ނުކުރި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި. އޭނާ ތުހުމަތުކުރެއްވީ ކޮރަޕްޝަންގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު އަމީރުކަމަށް.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި. އޭނާ ތުހުމަތުކުރެއްވީ ކޮރަޕްޝަންގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު އަމީރުކަމަށް.

"އަޅުގަނޑު އެހިން މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއަކަށް ރިއާޔަތް ކޮށްފައިތޯ މައްސަލަ އެޖެންޑާ ނުކުރަން ނިންމެވީ. އިދާރީ ކައުންސިލާ ޖެނަރަލް ވެސް ޖަވާބެއް ނުދެއްވި އިދާރީ މުއައްޒަފުން އެއްވެސް އެއްޗެއް ވިދާޅު ނުވެ އިންނެވީ. މަޖިލީހުގެ ރައީސް އެ ގެންދަވަނީ ވަރަށް ހުދުމުހުތާރުކޮށް ގަވައިދާ މުޅިން ހިލާފަށް،" ޝިޔާމް "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވީޑިއޯ ލީކުވެގެން އުޅޭ މެމްބަރުންގެ މައްސަލަތައް ސުލޫކް ކޮމިޓީއަށް ހުށަހަޅުއްވަން ގަސްތު ކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮއްވައި އެކަން ކާމިޔާބު ނުވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރަކަށް ވީތީ ތަފާތު ކުރުމާއި ބޮޑެތި ކުށްތައް ނުވާ ކަމަކަށް ހައްދަވައިގެން މަސައްކަތް ކުރައްވަމުން ދާތީ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމަށް ފަހު ނިކުމެވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ބޭރުކޮށްލުމަށް ފަހު "ސަލާމަތުގެ އައްސޭރިއަށް ދެވޭނީ މި ވާހަކަ ނުދައްކައިގެން" ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.

އިދިކޮޅު ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ނަޝީދު ވަކި ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ: މިހާރު
އިދިކޮޅު ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ނަޝީދު ވަކި ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ: މިހާރު

"އަޅުގަނޑުމެން މި މައްސަލަ ހުށަހެޅި މެމްބަރަށް ފުރައްސާރަކޮށް ބުލީކޮށް އަޅުގަނޑުމެންގެ ހަތަރު ފަސް މެމްބަރުން މިތަނުން ނެރުމަށްޓަކައި މަސައްކަތް ކުރީ މިފަދަ ކޮންމެ މައްސަލައެއް ގެންނަ އިރަށް މިތަނުން އެއްލާލާ ރިޔާސަތުން،" ސައީދު ވިދާޅުވި އެވެ.

މި މައްސަލާގައި ނަޝީދު މެމްބަރުން ދިފާއު ކުރައްވަނީ ހަމައެކަނި މަޖިލިސް ތެރޭގައެއް ނޫނެވެ.

އެމްޑީޕީ ވަޓްސެޕް ގްރޫޕަކަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވި ގޮތުގައި ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) "ހަވަރަކަށް" ނުދެވޭނެ އެވެ.

ތުހުމަތު ކުރެވޭ މެމްބަރުން ފުލުސް އޮފީހަށް ވެސް ގެންދިޔަަ ނުދެއްވާނެ ކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވައި އެމަނިކުފާނު ވަނީ އެ މެމްބަރުންގެ ދިފާއުގައި ނިކުމެވަޑައިގެންފަ އެވެ.

"ވަރަށް ސާފުކޮށް ދަންނަވަން. ހުސެއިން ގެންގޮސްގެން ނުވާނެ. އަދި ސަލީމްއަކާ ވެސް ނުބެހެވޭނެ." ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް

މަޖިލިސް ރައީސެއް ކަމަކު އެހެން ވިދާޅު ނުވެވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުންޏަސް ހަގީގަތުގައި ވެސް ގާނޫނުތަކުގައި މަޖިލިސް މެމްބަރުންނަކީ "އަތް ނުލެވޭ" ހާ ބާރު ދީފައިވާ ބައެކެވެ.

މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޖިނާއީ މައްސަލައެއް ވިޔަސް މެމްބަރަކު ތަހުގީގަށް ހާޒިރުވާން އަންގައި ލިޔުމެއް އޭނާ މަޖިލީހުގައި މަސައްކަތުގައި ނުވަތަ މަޖިލިސް ކުރާ ގޭތެރޭ ހުއްޓާ ރައްދެއް ނުކުރެވެ އެވެ. މެމްބަރެއް ފާސް ކުރެވޭނީ ޝައްކެއް ނެތް މިންވަރަށް އޭނާ އާ މެދު ތުހުމަތު ކުރެވޭ ކަން ޔަގީންވުމުން އެކަންޏެވެ. ހައްޔަރު ކުރުމުގެ ކުރިން މަޖިލީހަށް ވެސް އަންގަން ޖެހެ އެވެ.

މި ހުރިހާ ބާރެއް އިމްތިޔާޒެއް މެމްބަރުންނަށް ދީފައިވާ އިރު އެ ނޫން އިންސާފުވެރި ގޮތަކަށް އެކަންތައް ބަދަލު ކުރުމުގެ ބާރު ވެސް އޮތީ ހަމަ އެ މެމްބަރުން އަތުގަ އެވެ.

އެ ހުރިހާ ޝަކުވާތަކާ އެކީ ރައްޔިތުން އުފައްދަނީ އެންމެ ސުވާލެކެވެ؛ ގަދަރެއް، އަބުރެއް އަދި އެއްވެސް އުޅުމެއް ނެތަސް ބާރާއި އިއްޒަތްތައް ތަންމިނަށް ހުޅުވާލައިގެން ތިބެންވީ ހެއްޔެވެ؟