މަޖީދީ މަގު އޯޑިއޯން އާއި ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ އެއްބަސްވުން ބާތިލްކުރާނެ ކަމުގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޓާޓާ ކުންފުންޏާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ ޖުމްލަ 280 ފްލެޓުގެ އިތުރުން އޯޑިއޯން އާއި ނާދީ ބިމުގައި ލަގްޒަރީ ފްލެޓް އަޅަން ޖެހެ އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ޓާޓާ އެއްބަސްވުމަކީ ނަޝީދު ސަރުކާރުގައި ވަރަށް ގޯސްކޮށް ހެދި އެއްބަސްވުމެއް ކަމަށް މިނިސްޓަރު މިއަދު ވެސް ވިދާޅުވި އެވެ. އެއްބަސްވުމުގައި ހުރި މައްސަލަތަކާ އެކު އެއީ ކިހާ ގެއްލުން ބޮޑު އެގްރިމެންޓެއް ކަން އޮޑިޓް ރިޕޯޓުން ވެސް ފެންނަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ދޭންޖެހޭ ހުރިހާ ހުއްދަތަކެއް ދީ ނިމޭތާ ވަކި މުއްދަތެއްގެ ތެރޭގައި، އޯޑިއޯން އާއި ނާދީ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފަށަންޖެހޭނެ ކަން މި ސަރުކާރުން އެއްބަސްވުމަށް އިތުރުކުރި އިސްލާހުތަކުގައި ބުނެފައިވާނެ އެވެ. ނަމަވެސް ހުއްދަތައް ލިބި، މުއްދަތު ހަމަވެގެން ދިޔައިރު ވެސް މަސައްކަތް ނުފަށާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މުއްދަތު ހަމަވެގެން ދިއުމާ އެކުގައި އަޅުގަނޑުމެން މިހާރު ވާނީ އެގްރިމެންޓުގައިވާ ގޮތަށް ނޯޓިސް ފޮނުވާފައި. އެއީ 90 ދުވަހުގެ ނޯޓިސްއެއް،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ވެސް އެއްބަސްވުން ބާތިލް ނުކޮށް ކުރިއަށް ގެންދަން ނިންމެވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މަޝްރޫއަކީ ގިނަބައެއްގެ ދިރިއުޅުމާ ގުޅިފައިވާ މަޝްރޫއަކަށް ވާތީ އެކަމަށް ވިސްނެވުމަށް ފަހު އެވެ.
އޯޑިއޯން އާއި ނާދީ ބިމުގައި މަސައްކަތް ނުފަށައި ތިބުމަށް ފަހު މި ހަފުތާގައި ޓާޓާ އިން ވަނީ މަސައްކަތް ފަށަން އުޅޭ ކަމަށް ބުނެ އެ ދެ ބިމުގައި ވެސް ބޯޑު ޖަހައިފަ އެވެ.
އަރަބިއްޔާ އާއި ގާކޮށި ފްލެޓްތައް ވެސް ޓާޓާ އިން ނިންމީ، އެއްބަސްވެފައިވާ މުއްދަތު ފަހަނަޅައިދިޔަ ފަހުން ސަރުކާރުން އެތައް ޕްރެޝަރެއް ކޮށްގެންނެވެ. އެ ފްލެޓްތައް ނިންމައި ހަވާލުކުރިއިރު، ފެންވަރުގެ ދަށްވުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ފްލެޓް ލިބުނު މީހުން ބުނަނީ، ފްލެޓްތަކަށް ކަނޑައަޅާފައިވާ އަގާ އެތަނުގެ ފެންވަރު އެކަށީގެން ނުވާ ކަމަށެވެ.