ހުޅުމާލޭގައި ކުވެއިތުގެ ކުންފުންޏަކުންް އިމާރާތްކުރާ ސްކޫލުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރާ "އަޖިއަލް ބައިލިންގުއަލް ސްކޫލް" އަކީ 1،200 ކުދިންގެ ޖާގައިގެ ތަނެކެވެ. ކުވެއިތުގެ އަލްޖެރީ ހޯލްޑިން އިން ހަދާ އެ ސްކޫލުގައި އިނގިރޭސި މީޑިއަމާއި އަރަބި ބަހުން ވެސް ކިޔަވައިދޭނެ އެވެ. އަދި ފައުންޑޭޝަން ސްޓޭޖުން ފެށިގެން 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ.
ހުޅުމާލޭ ރެއިންކްރެސްޓް ރެޒިޑެންސް ކައިރީގައި ހަދާ އެ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އަލްޖެރީ ހޯލްޑިން ގްރޫޕްގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީ އެވެ. އެ ކުންފުނީގެ ޗެއާމަނަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ސަހުޝިއްޔަތެކެެވެ.
ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް އަލްޖެރީ ހޯލްޑިންއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.
އަލްޖެރީ ހޯލްޑިންގެ ދަށުން އެ ސްކޫލު އިމާރާތް ކުރާނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުނިން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓަށް ސްކޫލުގެ މަސައްކަތް ނިންމާލައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ކުދިންނަށް ފުރުސަތު ހުޅުވާލުމަށެވެ.
އަލްޖެރީ ހޯލްޑިން އިން ދަނީ ކުވައިތުގައި 20 އިންޓަނޭޝަނަލް ސްކޫލު ހިންގަމުންނެވެ.