ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އަންނަ އުސޫލު ބަދަލުކޮށް، އިންތިހާބުތަކުގައި އެ ޕާޓީއަކުން ކާމިޔާބީ ހޯދާ ނިސްބަތަކަށް، ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ އިސްލާހު މި ހަފުތާގެ ތެރޭގައި މަޝްވަރާ އަށް ޕާޓީތަކާ ހިއްސާކުރައްވާނެ އެވެ. އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"ފައިސާ ދޭ އުސޫލު ބަދަލުކުރަން މަޝްވަރާ ކުރެވިފައި ވަނީ ޕާޓީތަކުން ހޯދާ ވޯޓުގެ އަދަދަށް. އެއާއެކު ހުރިހާ ޕާޓީތަކަށް ފައިސާ ދޫކުރެވޭނެ،" ހަބީބު ވިދާޅުވި އެވެ.
މެމްބަރުންގެ އަދަދަށް ބަލައިގެން ފައިސާ ދޫކުރުމަކީ ގިނަ ގައުމުތަކުގައި އަމަލުކުރާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އަމަލުކުރަނީ އިންތިހާބުތަކުގައި އެ ޕާޓީއަކުން ހޯދާ ވޯޓާއި ކާމިޔާބީތަކުގެ މައްޗަށް ނުވަތަ ހަރަކާތްތެރިވާ ވަރެއްގެ މައްޗަށެވެ.
ހަބީބު ވިދާޅުވި ގޮތުގައި ކިތަންމެ ހަރަކާތްތެރި ޕާޓީއަކަސް 10,000 މެމްބަރުން ހަމަނުވާ ނަމަ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ދޫނުކުރެވޭ ގޮތަށް އޮތުމަކީ ވެސް ހަމަޖެހޭ ގޮތެއް ނޫނެވެ. އެކަމަކު ގާނޫނީ އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުވެގެން ބަލާއިރު ޖޫރިމަނާ ވެސް ކުރަން ޖެހި ފައިސާ ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ހަބީބު ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކުގައި 200،000 އެއްހާ މީހުން ތިބިއިރު، އޭގެ ތެރެއިން ވެސް ފައިސާ ދެވެނީ ބައެއް ޕާޓީތަކުގެ މެމްބަރުންނަށެވެ.
"ކުދި ޕާޓީތަކަށް މިހާރު ފައިސާއެއް ދައުލަތުން ނުލިބޭ. ދައުލަތުގެ ބަޖެޓުން 35 މިލިއަން ރުފިޔާ މި ދެވެނީ މަދު ޕާޓީއަކަށް ކަމުގެ ޝަކުވާ ލިބޭ،" ހަބީބު ވިދާޅުވި އެވެ.
ގާނޫނުގައި އޮންނަނީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރުމަށެވެ. އެ ފައިސާ ދޫކުރަން ޖެހެނީ 10,000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އެ އަދަދަށް މެމްބަރުން ހަމަކުރެވެނީ ދެ ތިން ޕާޓީއަކަށެވެ.
ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން މި އަހަރު ވެސް ފައިސާ ލިބުނީ ހަތަރު ޕާޓީއަކަށެވެ. އެއީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމަށެވެ.
ރާއްޖޭގައި މިހާތަނަށް 11 ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްފައި އެބައޮތެވެ.