މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ރޫމާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، އޭނާ ދިރިއުޅޭ ގެ މި މަހު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މަސްތުވާތަކެތި ފެނިގެންނެވެ. ރޫމާ 45، ގެ އިތުރުން އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް، 49، ވެސް ހައްޔަރުކުރި އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އެ ދެ މީހުންގެ މައްޗަށް ވެސް ޝަރުތުކޮށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމަރުކޮށްފައިވާ ކަމަށެވެ.ނަމަވެސް އެއީ ކޮން ޝަރުތެއް ކަމެއް އަދި ނޭނގެ އެވެ.

ކޯޓު އަމުރުގައި ވެސް އެ ޝަރުތު ބަޔާންކޮށްފައެއް ނެތެވެ. އެންމެ ފަހުން މުއްދަތު ޖަހަން މި މަހު 15 ގައި ގެންދިއުމުން، ރޫމާގެ ފަރާތުން އެދުނީ ކިތަންމެ ހަރުކަށި ޝަރުތުތަކަކާ އެކު ނަމަވެސް ބަންދަށް ލުޔެއް ދިނުމަށެވެ. އޭނާގެ ތިން ދަރިން ތިބޭތީ އެ ކުދިން ގާތަށް ފޮނުވައިދޭށެވެ.

ކޯޓުގައި ދިފާއުން ބުނިގޮތުގައި، ރޫމާގެ ޕްރެޝަރު މަތިވެގެން، އޭނާ ހޭނެތުނެވެ. އަދި ރޫމާ އަކީ ޑިޕްރެޝަން ވެސް ހުންނަ މީހެއް ކަމަށް ވެސް ދިފާއީ ވަކީލުން އެ ދުވަހު ބުންޏެވެ.

ރޫމާ އިތުރު ހަތް ދުވަހަށް ބަންދުކުރަން ނިންމައި އެ ދުވަހު ކޯޓުން ނެރުނު އަމުރުގައި ބުނީ ބަލައިފާސްކުރުމުގެ އަމުރުގައި ހުއްދަދީފައިވާ ގޭގެ އެޑްރެހާއި ބަލައިފާސްކުރި ގޭގެ އެޑްރެސް ދިމާނުވާ ކަމަށް ބެލެވޭ ކަމަށާއި އެކަން އެނގޭނެ ރަސްމީ ލިޔެކިޔުން ރޫމާގެ ދިފާއުން ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ކޯޓު އަމުރު ހޯދާފައި އޮތީ ބްލޫބާޑްގެ ފާސްކުރަން ކަމަށް ވިޔަސް، ފާސްކުރީ ނުވިލާމަންޒިލް ކަމަށް ވާތީ ރޫމާގެ ފަރާތުން ކުރިން ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.

އެ ދުވަހުގެ ކޯޓު އަމުރުގައި ބުނީ، ބަލައިފާސްކުރުމުގެ އިޖުރާއަތުުގެ ތެރެއިން ހޯދި ހެކީގެ މައްޗަށް އެކަނި ބިނާކޮށް، އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. ރޫމާ ހައްޔަރުކުރީ އޭނާ ފުލުހުންނަށް ދިން މައުލޫމާތަށާއި އެ މައުލޫމާތާ އެއްގޮތަށް، މަސްތުވާތަކެތި ފުރާޅުމަތިން ފެނިިފައި ވާތީ ކަމަށް ބުރަވެވޭ ސަބަބުތައް ތަހުގީގު ބަޔާންތަކުން ފެންނަން އެބައޮތް ކަމަށް އަމުރުގައިވެ އެވެ.

އެ އަމުރުގައިވާ ގޮތުން، އެ ގެ ބަލައިފާސްކުރިއިރު ރޫމާ އުޅޭ ކޮޓަރިން ކުޑަ ކައްޓާއަކާއި ހުސް ޕެކެޓްތަކެއް ފެނުނެވެ. އެފަދަ ތަކެއްޗަކީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރުމަށްޓަކައި އެ ތަކެތި ޕެކްކުރަން ގެންގުޅޭ ޒާތުގެ ތަކެތި ކަމަށް ބެލެވުނަސް، އެތަން ބަލައިފާސްކުރީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބެލެން ނެތުމުން ބަލައިފާސްކޮށް ހޯދި ކަން ކަމަށް ރިއާޔަތް ކޮށްފައި ނުވާނެ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

އެ އަމުރުގައި ބުނީ އެ ހާދިސާ ހިނގާފައިވާ ގޮތަށާއި މަސްތުވާތަކެތި ފެނުނު ތަނާއި އެ ތަކެތި އެއްލާލި މަންޒަރު ފެނުނު މީހަކު ނެތުމުންނާއި އެ ތަކެތި އެއްލާލި ކަމަށް ފުލުހުން ގާތު ބުނާ ބުނުމަށް އިއުތިރާޒުކޮށް، އޭނާގެ ފަރާތުން ޗެލެންޖް ކުރާތީ އޭނާއާ އެ ކުށް ގުޅުވާލެވޭ އެކަށީގެންވާ ހެކި ލިބުމުގެ ފުރުސަތު ހަނި ކަމަށެވެ.