އައްޑޫ ހިތަދޫގައި އާޓިފިޝަލް ބީޗެއް ހަދަން ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތައް ނެގި މައްސަލަ އީޕީއޭ އިން ބަލަން ފަށައިފި އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި އައްޑޫގެ މޭޔަރު އަލީ ނިޒާރަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގައި އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި، އެ ހިސާބުގެ އާނުގަނޑު ވެސް ނަގައި ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު އެ އެޖެންސީ އަށް ލިބިފައިވާ ކަމަށެވެ. އެއީ އީޕީއޭގެ ހުއްދަ ނެތި ހިންގާފައިވާ އަމަލެއް ކަމުގެ ކަންބޮޑުވުން ނައީމް ފާޅުކުރައްވާފައިވެ އެވެ.
އެހެންވެ އީޕީއޭ އިން އެދުނީ އެ މަސައްކަތުގެ ތަފުސީލާއި ބޭނުމާއި އެ މަސައްކަތް ކުރި ތާރީހާއި އަދި މަސައްކަތުގައި އިސްކޮށް ޝާމިލުވި ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީ އަށް ހުށަހަޅައިދިނުމަށެވެ.
އީޕީއޭ އިން އެންގީ އެ މައުލޫމާތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށެވެ. ތިމާވެއްޓަަށް ގެއްލުން ލިބޭ ކަންކަން ކުރުމަކީ ގާނޫނުން ބޮޑު ޖޫރިމަނާއެއް އަންނަ މައްސަލައެކެވެ.
އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.