އެޑިއުކޭޝަން މިނިސްޓްރީން ކުއްލި ގޮތަކަށް އެ ދުވަހު އޭނާ އަށް ގުޅާފައި އެންގީ ތާޖުއްދީން ސްކޫލަށް ނުކުމެވަޑައިނުގަތުމަށެވެ. އޭރު އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި އައިޝަތު މުހައްމަދު ސޯލިހް (އައިސްތު) އަށް އެ އެންގުމުން ބޮޑު ޝޮކެއް ލިބިވަޑައިގަތެވެ. ގަބޫލު ކުރެއްވުނީ އޭނާ ކުށްވެރިވެގެން އެންގި އެންގުމެއް ކަމަށެވެ. އެ ހާސްކަމުގައި އުޅުއްވަނިކޮށް ދެން އެންގީ އެޑިއުކޭޝަން މިނިސްޓްރީ އަށް ބައްދަލުވުމަކަށް ވަޑައިގަންނަވާށެވެ.
އެ ބައްދަލުވުން ވެގެން ދިޔައީ، މިއަދު 95 އަހަރު ފުރިގެން ކާމިޔާބީ ފާހަގަކުރާ މަޖީދިއްޔާ ސްކޫލުގެ އެންމެ މަތީ އެއް ޝަރަފު އައިސްތު އަށް ލިިބިވަޑައިގެންނެވި ކަމަކަށެވެ.
"އޭރުގެ މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، މަޖީދިއްޔާގެ ޕްރިންސިޕަލަށް ދާންވީ ނޫންހޭ. އަޅުގަނޑު ދެންނެވީ ރެޑީއެއް ނޫނޭ ދާކަށް. އެ ކަމަކު އެ ބޭފުޅުން އެ ކަން ގަބޫލެއް ނުކުރެއްވި. ވަރަށް މަސައްކަތް ކުރިން މަޖީދިއްޔާގެ ޕްރިންސިޕަލްކަމާ ހަވާލު ނުވާން،" އައިސްތު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޭރުގެ ވެރިން އައިސްތު އަށް ދުލެއް ނުދެއްވި އެވެ. އޭރު ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ޝަރީފް [މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު] އެދިވަޑައިގަތީ އޭނާއާ އެކު މަޖީދިއްޔާ އަށް ވަޑައިގަތުމަށެވެ.
"ޝަރީފް، އަޅުގަނޑު ގޮވައިގެން ގެންގޮސް ވެއްދީ ޕްރިންސިޕަލްގެ ކޮޓަރި އަށް. ވިދާޅުވީ މިއީ އައިސްތު އިންނަންޖެހޭ ކޮޓަރިއޭ. އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ޕްރިންސިޕަލުންގެ ފޮޓޯތައް އެ ކޮޓަރީގައި ހުރި. އެ ދައްކާފައި އަޅުގަނޑު ބުނިން ޕްރިންސިޕަލްކަން ކޮށްފިއްޔާ އަޅުގަނޑުގެ ފޮޓޯ ވެސް އެ ތަނުގައި ހުންނާނެ ދޯއޭ. ޝަރީފް ވިދާޅުވީ އެ ބޭފުޅުންނާ އެއް ހަމައަކަށް އަޅުގަނޑަށް ވެސް ދެވިދާނެއޭ އޭރުން،" އައިސްތު ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ޕްރިންސިޕަލުންގެ ފޮޓޯތައް ފެނިވަޑައިގަތުމުން ވެސް އައިސްތު ވަރަށް ބޮޑަށް އިންސްޕަޔާވި އެވެ. މަޖީދިއްޔާ ސްކޫލުގައި އޭރު ގޮންޖެހުންތައް ބޮޑެވެ. މައްސަލަ ފުންޏެއް ހުއްޓެވެ. އެކަން އެނގިވަޑައިގެން ހުންނަވައި ވެސް އެކަމާ ކުރިމަތިލައްވަން ނިންމެވީ އެވެ.
އެ ނިންމުން ތާޖުއްދީން ސްކޫލުގެ ބެލެނިވެރިންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެޑިއުކޭޝަންގެ އެ ނިންމުމާ ދެކޮޅު ހަދައި ތާޖުއްދީން ސްކޫލުގެ ބެލެނިވެރިން އައިސްތު "ބޭނުންވެގެން" ދިޔައީ މުޒާހަރާ ކުރަމުންނެވެ. ޕެޓިޝަންގައި 2،000 އަށް ވުރެ ގިނަ ބެލެނިވެރިން ސޮއިކުރި އެވެ. އެ ދުވަހު ސްކޫލަށް ވަޑައިނުގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގީ ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެތީ އެވެ.
އައިސްތުއަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލެވެ. އޭނާގެ ނަން ފަވާލެވިފައި ވަނީ މަޖީދިއްޔާގެ ފުރަތަމަ ޕްރިންސިޕަލް ހުސައިން ސަލާހުއްދީންގެ އިތުރުން މުހައްމަދު ޖަމީލާއި އިބްރާހިމް ފަރީދު އަދި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާ އެއް ހަމައެއްގަ އެވެ.
"އެއީ ވަރަށް ބޮޑު ޝަރަފެއް. މި ކަހަލަ މުނާސަބަތެއް ފާހަގަކުރާއިރު، މަޖީދިއްޔާގެ ޕްރިންސިޕަލަކަށް އަޅުގަނޑަށް ހުރެވުމަކީ ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް ފުރަތަމަ އަންހެން ޕްރިންސިޕަލަކަށް ވުން އަދި މާ އުފާވެރި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އައިސްތު ވިދާޅުވި އެވެ.
ޕްރިންސިޕަލެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. އޭނާއަށް މަޖީދިއްޔާ ތަފާތު އެތައް ގޮތަކުން ހާއްސަ އެވެ.
އައިސްތު ޓީޗިން ކޯސް ފުރިހަމަ ކުރެއްވުމަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ ވެސް މަޖީދިއްޔާގަ އެވެ. އޯ ލެވެލް އިމްތިހާނު ނިންމެވުމަށް ފަހު، އުމުރުން 18 އަހަރުން ފެށިގެން އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި އުޅުއްވި އެވެ. އޭގެ ފަހުން ޕްރައިމަރީ އަށް ކިޔަވައިދޭން ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލް ފަދަ ސްކޫލްތައް ހުޅުވުމުން އޭނާ ބަދަލުކުރީ ޖޭއެސް އަށެވެ. އޭރު އެއީ ސުޕަވައިޒަރެކެވެ.
ޖޭއެސް އަށް ފަހު، އިމާދުއްދީން ސްކޫލްގައި މަސައްކަތް ކުރައްވަނިކޮށް، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އެދިވަޑައިގަތީ މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލެއްގެ މަގާމަށް ވަޑައިގަތުމަށެވެ. އެ ފަހަރު ވެސް އައިސްތު ވަރަށް ދެކޮޅު ހެއްދެވި އެވެ. މަޖީދިއްޔާ ފަދަ ބޮޑު ހިޔާއެއްގެ އިސްވެރިއަކަށް ވަޑައިގަތުމުގެ އުނދަގޫ ފެނިވަޑައިގަނެ އެވެ. އެހެންވެ، ސަލާމަތް ވާނެ ގޮތެއް ހޯއްދަވަން ވަރަށް އުޅުއްވި އެވެ.
"އަޅުގަނޑު އިސްމާއިލް ޝަފީއު އަށް ދެންނެވިން އަޅުގަނޑު ފެއިލްވާކަށް ބޭނުމެއް ނޫނޭ. އެ ސްކޫލުގެ ހާލަތު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއޭ. ވަޒީފާ ގެއްލޭކަށް ބޭނުމެއް ނުވެއޭ. އިސްމާއިލް ޝަފީއު ވިދާޅުވީ، ފެއިލްއެއް ނުވާނެއޭ. އެ ހާލަތުގައި ތިމަންނަ ހުންނަ ތަނެއްގައޭ އައިސްތު މަސައްކަތް ކުރާނީ. ތިމަންނަ އަށް ކޮށްދޭ ކަމެއްގެ ގޮތުގައި މިކަން ކޮށްދޭށޭ،" އައިސްތު ވިދާޅުވި އެވެ.
އިސްމާއިލް ޝަފީއުގެ ހިތްވަރު ދެއްވުމާއެކު، މަޖީދިއްޔާ އަށް އެ ފަހަރު ވަޑައިގަތުމުން އެ ތަނުގައި އޭރު ހުންނެވި ބިދޭސީ ޕްރިންސިޕަލް ހަވާލުކުރެއްވީ ސްޓޫޑެންޓް އެފެއާޒް ނުވަތަ ދަރިވަރުންނާ ގުޅޭ ކަންކަމެވެ. ދެން އިދާރީ މަސައްކަތްތަކެވެ.
"އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއަކަށް ވީ. ބޭރުގެ ޕްރިންސިލެއް ވީމާ ކުދިންނާ ގުޅޭ ހުރިހާ ކަމެއް އަޅުގަނޑަށް ދޫކޮށްލުމުން ވަރަށް ގިނަ ކަންކަން ދަސްވި. ސްކޫލް ހިންގުމުގެ ކަންތައްތަކުގައި އޭރު އަޅުގަނޑަށް ބައިވެރިވާން ލިބުމަކީ ތަޖުރިބާއަކަށް ވީ،" ޕްރިންސިލްކަމުގައި 13 އަހަރު ހޭދަކުރައްވާފައިވާ އައިސްތު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ހޭދަވީ މުއްދަތުގައި އައިސްތު އަމިއްލައަށް ބޭނުންވެގެން ވަޒީފާ ބަދަލުކުރައްވައިފައެއް ނުވެ އެވެ. އޭނާ އަށް ޖެހިވަޑައިގަތީ ސްކޫލްތަކަށް އޭނާގެ ބޭނުން ޖެހިގެން އެ ތަންތަނުގައި ހިދުމަތް ކޮށްދެއްވާށެވެ. މިހެން މިކަން ވިޔަސް ނަތީޖާއާ ދޭތެރޭގައި އޭނާ ހުންނެވީ ހިތްހަމަޖެހިވަޑައިގެންނެވެ. ކޮންމެ ބޭފުޅަކަށް ވެސް އައިސްތު ވަނީ ނަތީޖާ ނެރެދެއްވާ ޕްރިންސިޕަލަކަށެވެ. އެހެންވެ، އައިސްތު ބޭނުން އޮންނަނީ އިންޓަވިއުއަކާ ވެސް ނުލައި ޖެހިފަ އެވެ. އެހާ ބޮޑު އިތުބާރެއް އޮވެ އެވެ.
ހަތް އަހަރުގެ ކުރިއެރުން ގޯހެއް ނޫން
މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމާ މީގެ ހަތް އަހަރު ކުރިން އައިސްތު ހަވާލުވެވަޑައިގަތީ، އެ ސްކޫލުގެ ވަރަށް ގިނަ ކަންކަން ބޮއްސުންލާފައި ވަނިކޮށެވެ. ހިންގުމުގެ މައްސަލަތައް ގިނަ އެވެ. ކުދިންނާ ގުޅޭ، އިސްލާހު ގެންނަން ވެފައި ހުރި ކަންކަން ވެސް މަދެއް ނޫނެވެ. އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީގެ ވެރިންނަށް ފެނިވަައިގެންނެވި އެއް ބަދަލަކީ އަންހެން ޕްރިންސިޕަލަކު ހަމަޖައްސައިފި ނަމަ ތަފާތެއް ފެނިދާނެ ކަމެވެ. ކުދިންގެ އަހުލާގީ މައްސަލަތަކަށް ހައްލެއް ލިބިދާނެ ކަމަށެވެ.
"އަޅުގަނޑު މަގާމާ ހަވާލުވިތާ ކުރީކޮޅު އަހުލާގީ މައްސަލަތަކުގައި ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ ކުދިން އަޅުގަނޑުގެ ކޮޓަރިއަށް ގެންނަންޖެހޭ. އަހުލާގީ ކަންކަން ވަރަށް ގޯސްކޮށް އޭރު އޮތީ. ބައެއް ފަހަރު އަޅުގަނޑު ވެސް ބިރުގަންނަ ފަހަރު އާދޭ އެ ކުދިންނާ ވާހަކަ ދައްކާއިރު. އެހާ ގޯސް އޭރު،" އައިސްތު ވިދާޅުވި އެވެ.
"މިހާރު ނަމަ ކުދިންގެ އަހުލާގީ މައްސަލަތައް އެއްގޮތަކަށް ނެތޭ ވެސް ބުނެވޭނެ. އަޅުގަނޑު ކައިރިއަށް ގެނެސް އެ ފަދަ މައްސަލަތަކުގައި ނަސޭހަތް ދޭންޖެހޭ ކުދިން ހަަމަ ނެތް."
އައިސްތުގެ ލީޑަޝިޕްގައި އެންމެ ބޮޑު ކުރިއެރުން ގެނައި އެއް ދާއިރާއަކީ ކުޅިވަރެވެ. މަޖީދިއްޔާގެ ނަން ކުޅިވަރުގައި ފަނޑުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން އެ ނަން ދިރުވައިދީފި އެވެ.
"އަޅުގަނޑު ހަވާލުވިއިރު މަޖީދިއްޔާ އަށް ކުޅިވަރުގައި ކާމިޔާބީއެއް ނުލިބޭތާ 15 ވަރަކަށް 16 ވަރަކަށް އަހަރު ވެދާނެ. އަޅުގަނޑު ވަދެގެން ފުޓުބޯޅަ ތަށި މަޖީދިއްޔާ އަށް 14 އަހަރު ފަހުން އެ ލިބުނީ. އަޅުގަނޑުގެ ދެވަނަ އަހަރު އެ ތަށި ލިބުނީ. ބައެއް ކުދިން އެ ތަށި ލިބުނީމާ ރުއި. ވަރަށް ގިނަ މުބާރާތްތަކުގެ ފައިނަލްގައި ކުޅެފައި ނޫނީ ޗެމްޕިއަންކަން ލިބުނު،" އައިސްތު ވިދާޅުވި އެވެ.
އައިސްތު ހަވާލުވެގެން ވެސް އެކަޑެމިކަލީ ބަލާ ނަމަ މަޖީދިއްޔާ އަދި ދަތުރުކުރަނީ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަޑެމިކަލީ ވެސް އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަނީ. ގޯހެއް ނޫން،" އައިސްތު ވިދާޅުވި އެވެ.
މަޖީދިއްޔާ އަށް 95 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، އައިސްތުގެ ހިދުމަތްތައް އޭނާ އަމިއްލަ އަށް ފާހަގަ ކުރެއްވުނީ ފެނިވަޑައިގެންނެވި ފޮޓޯތަކުންނެވެ. އުމުރުން 18 އަހަރުން ފެށިގެން އެ ސްކޫލުގެ އެކި ހަރުފަތްތަކުގައި އުޅުއްވި ދުވަސްވަރު އޭނާގެ ފޮޓޯތައް އާކައިވުން ފެނިވަޑައިގަތުމުން ހިތަށް އެރީ މަޖީދިއްޔާ ކަހަލަ ތަނަކަށް ކޮށްދެއްވުނު ހިދުމަތްތަކުގެ އަގު ބޮޑުކަމެވެ.