އެއްވެސް ޖޫރިމަނާއަކާ ނުލައި، މި މަސް ނިމެންދެން ހިޔާ ފްލެޓްތަކުގެ ކުލި ދެއްކޭނެ ކަމަށް އެޗްޑީސީން މިރޭ ބުނެފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މި މަހުގެ ކުލި، މިއަދުގެ ނިޔަލަށް ދައްކަން ޖެހޭ ގޮތަށް ކުރިން އޮތަސް، އެ މުއްދަތު މިހާރު އިތުރު ކޮށްދީފައިވާ ކަމަށެވެ. ޖޫރިމަނާއަކާ ނުލައި، ކުލި ދެއްކޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 30 ކަމަށް ބުންޏެވެ.
"މި ގޮތަށް ނިންމި ކަމުގައި ވީ ނަމަވެސް އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގައި ވެސް ޖޫރިމަނާއަކާ ނުލައި ކުލި ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އެ މަހެއްގެ 10 ވަނަ ދުވަހެވެ،" އެ އިއުލާނުގައިވެ އެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފެށުމާއެކު، އެކަމާ ދެކޮޅު ހަދައި، ހިޔާ ޔޫނިއަނުން ވަނީ ކުލި ނުދައްކަން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ގޮވާލައިފަ އެވެ. ނަމަވެސް، އެޗްޑީސީން ބުނީ މުއްދަތު އިތުރުކޮށްދޭން ނިންމީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކަމަށެވެ.
އެޗްޑީސީގެ ޕޭމަންޓް ޕޯޓަލް އިން އޮންލައިންކޮށް ކުލި ދެއްކޭއިރު، ކައުންޓަރުން ވެސް ކުލި ބަލައިގަނެ އެވެ.
އެޗްޑީސީން ބުނީ މީހުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް، މާދަމާ އިން ފެށިގެން ކޮންމެ ރެއަކު 9 އިން 11 އަށް ހިޔާ ފްލެޓް ސަރަހައްދުގައި ހެލްޕް ޑެސްކެއް ވެސް ބަހައްޓާނެ ކަމަށެވެ.
ކުލި ދައްކަން ބައެއް މީހުން ދެކޮޅު ހެދިޔަސް ކުލި ދައްކާ މީހުން މަދު ނޫން ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވެގެން، އެ އަގު ކުޑަކޮށްދޭން ފްލެޓް ލިބުނު މީހުން އެތައް ފަހަރަކު އެދުނެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ސާވިސް ފީގެ ގޮތުގައި ނަގާ 1،000ރ. އާއި މަހު ކުއްޔަށް ނަގަން ނިންމާފައިވާ 7،500ރ. ކުޑަކުރެވެން ނެތް ކަމަށެވެ.
ކުލި ދެއްކުން ހަތް މަހަށް ފަސްކޮށްދީފައިވާ، އެ ފްލެޓްތަކުން ކުލި ނަގަން ފެށީ މި މަހުގަ އެވެ. އެޗްޑީސީން ކަނޑައަޅާފައިވާ ގޮތުން ކޮންމެ މަހެއްގެ 10 ގެ ކުރިން ފްލެޓަށް ފައިސާ ދައްކަން ޖެހެ އެވެ.