އަވަސް ރައިޑް މެދުވެރިކޮށް ކުރާ ޓެކްސީ ދަތުރުތަކަށް ފީ ދައްކާއިރު، އެ އެޕްލިކޭޝަނުން ފައިސާ ދައްކަން ބުނާ އަގަށް ވުރެ ބޮޑުކޮށް ފައިސާ ނުދެއްކުމަށް ކަސްޓަމަރުންނަށް އިއްޔެ އިލްތިމާސްކޮށްފި އެވެ.
ޓެކްސީ ދަތުރުތަކަށް ބޮޑު އަގު ނުދޭން، އަވަސް ރައިޑުން އިލްތިމާސްކުރީ އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ފޮނުވި މެސެޖެއްގަ އެވެ.
އަވަސް ރައިޑްގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ، ކަސްޓަމަރުންނަށް މެސެޖު ފޮނުވީ ޓެކްސީތަކުން ބޮޑު އަގު ނަގާ ކަމުގެ ޝަކުވާތަކެއް ލިބިގެން ނޫން ކަމަށާއި އެކަން ކުރީ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކަމަށެވެ. ކަސްޓަމަރުންގެ އިތުރުން، ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ނޯޓިސް ފޮނުވި ކަމަށް ވިދާޅުވި އެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ނުކޮށްދީގެން، މިދިޔަ މަހު ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު މައްސަލަގަނޑު ހޫނުވި އެވެ. ޑްރައިވަރުން ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީ، ޓެކްސީ ދަތުރުކޮށްދޭ އަގު ވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ.
ބައެއް ޓެކްސީތަކުން މިހާރު ނަގާ އަގުތައް:
- މާލޭގެ އެތެރޭގެ ދަތުރެއް- 30ރ.
- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް - 25ރ.
- މާލެއިން ހުޅުމާލެ އަށް - 100ރ.
- މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރ.
- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރ.
- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރ.
- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރ. - ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް- 120ރ.
މިނިސްޓްރީން އަގުތައް ބޮޑު ކުރަން އެއްބަސްނުވުމުން، ޑްރައިވަރުން ވަނީ ހުޅުމާލޭގައި މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ. އޭގެ ފަހުން މިނިސްޓްރީއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިޔަސް، އެ މައްސަލައިގައި ކޮޅެއް ފެނިފައެއް ނުވެ އެވެ. އެންމެ ފަހުން، މިނިސްޓްރީގެ އެންގުމަށް ތަބާނުވެ، ބައެއް ޑްރައިވަރުން ވަނީ އެ މީހުން އަމިއްލަ އަށް ކަނޑައަޅާފައިވާ އަގުތައް ނަގަން ފަށައިފަ އެވެ.
އެންގުމާ ހިލާފުވިޔަސް، ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް އެއްވެސް ޑްރައިވަރަކަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އަދި އެކަން ހުއްޓުވަން ވެސް އެއްވެސް ކަމެއް ނުކުރެ އެވެ.