ޔޫކްރޭންގެ ބޫޗާގައި ރަޝިޔާ ސިފައިން ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް ވުރެ މާ ނުބައި ޖަރީމާތަކެއް، ބޮރޮޑްޔަންކާގައި ހިންގާފައިވެދާނެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ވިދާޅުވެއްޖެ އެވެ.

ބޮރޮޑްޔަންކާ އަކީ ވެސް ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ހުޅަނގުއުތުރުން އޮންނަ ކުޑަ ސަހަރެކެވެ. އަދި އެއީ ކިޔޭވްގެ ހުޅަނގު އުތުރުން އޮތް ބޫޗާ އަށް ވުރެ ވެސް، ބެލަރޫސްގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ސަހަރެކެވެ.

ވެރިރަށް ކިޔޭވް ހިފުމަށް ބެލަރޫސްގެ ތެރެއިން ޔޫކްރޭނަށް ވަން ރަޝިޔާގެ ލަޝްކަރުތައް، ކިޔޭވްއާ ދިމާއަށް ދަތުރުކުރީ، ބޮރޮޑްޔަންކާ އާއި ބޫޗާގެ ތެރެއިންނެވެ. ކިޔޭވްގެ ރަށްބޭރު ސަރަހައްދަށް ރަޝިޔާ ސިފައިން އައީ، އެ ދެ ސަހަރު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް ފަހުގަ އެވެ.

ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާ ސިފައިން ފައިބައިގެން ދިޔަ ސަރަހައްދުތަކަށް ޔޫކްރޭންގެ ސިފައިން ވަދެ އެއްކުރަމުންދާ މައުލޫމާތުތަކަށް ބަލާއިރު، ބޫޗާގެ ހާލަތަށް ވުރެ ބޮރޮޑްޔަންކާ އާއި އެހެން ސަރަހައްދުތަކުގެ ހާލަތު ގޯސްވާނެ ކަމަށް ބެލެވެ އެވެ. ބޫޗާ އިން އެކަނި ވެސް، އާންމުންގެ 400 އަށް ވުރެ ގިނަ މީހުން މަރާލާފައިވަނިކޮށް ފެނިފައިވެ އެވެ.

ކިޔޭވްގެ ރަށްބޭރު ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދު ދޫކޮށް މިހާރު ދަތުރު ކުރަމުން ދަނީ، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުގައި، ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ޔޫކްރޭން ސިފައިން ވަށައިލުމަށް ކަމަށް ވެސް، ޒެލެންސްކީ ވިދާޅުވި އެވެ. ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ޓޭންކުތަކާއި އަސްކަރީ އުޅަނދުތަކުގައި، ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް ދަތުރުކުރާ މަންޒަރު ވަނީ ފެނިފަ އެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ދޮންބާސް ސަރަހައްދަށް ޖަމާކުރާ ރަޝިޔާ ސިފައިންގެ އިތުރުން، ޔޫކްރޭންގެ ދެކުނު ސަރަހައްދަށް ވެސް، ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ދަނީ ޖަމާ ކުރަމުންނެވެ. އެއީ، ރަޝިޔާ އިން 2014 ވަނަ އަހަރު ހިފާފައިވާ ކްރީމިއާ އޮންނަ ސަރަހައްދެވެ.

ދޮންބާސް ސަރަހައްދަކީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ހިމެނޭ ސަރަހައްދެވެ. ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަނީ، ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ، ދޮންބާސް ސަރަހައްދާއި ކްރީމިއާ ސަރަހައްދުގައި ރަޝިޔާގެ ބާރު އިތުރަށް ގަދަކޮށް، އެދެ ސަރަހައްދު މުޅިން ޔޫކްރޭނާ ވަކިކޮށްލުމަށެވެ.

ރަޝިޔާ ސަރުކާރުން ބުނެފައިވާ ގޮތުގައި ފެބްރުއަރީ 24 ވަނަ ދުވަހު ފެށި އަސްކަރީ ހާއްސަ ހަރަކާތްތަކުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފަ އެވެ. އެއީ ޔޫކްރޭންގެ އަސްކަރީ ގާބިލުކަން ނައްތައިލުމެވެ. އަދި މިހާރު ކުރިއަށް ދަނީ މި ހަރަކާތުގެ ދެ ވަނަ ފިޔަވަހި ކަމަށާއި، އެއީ އިރުމައްޗާއި ދެކުނު ސަރަހައްދުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން، އދ.ގެ ސަލާމަތީ މަޖިލީހުގައި މިއަދު ބާއްވާ ހާއްސަ ބައްދަލުވުމުގައި، ޔޫކްރޭންގެ ރައީސް ޒެލެންސްކީ ތަގުރީރު ކުރައްވާނެ އެވެ. ބޫޗާގައި ރަޝިޔާ ސިފައިން ހިންގި ކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކާ ގުޅޭ ގޮތުން މިއަދު ކުރާ ބަހުސްގައި، ޒެލެންސްކީ ބައިވެރިވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ރަޝިޔާ ސިފައިން ބޫޗާގައި ހަނގުރާމައިގެ އެއްވެސް ޖަރީމާއެއް ނުހިންގާ ކަމަށް ރަޝިޔާ ސަރުކާރުން ބުނެ އެވެ. އަދި މިއަދު އޮންނަ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި، އެކަމުގެ ސާބިތު ހެކި ހުށަހަޅާނެ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.