ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ) އަހްމަދު މުހައްމަދުފުޅު މިއަދު ކ. މާފުށީ ޖަލުގެ ގައިދީންނާ އެކު ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންފި އެވެ.
އެ ރޯދަވީއްލުމުގެ ފޮޓޯތަކެއް ކަރެކްޝަންސް އިން މިރޭ ޓުވީޓްކޮށްފައިވެ އެވެ.
ކަރެކްޝަންސްގެ ތަރުޖަމާން އައިމިނަތު ޔުސްރީން "މިހާރު" އަށް ވިދާޅުވީ، މިއީ ގައިދީންނާ އެކު ހޯމް މިނިސްޓަރަކާއި ޖަލުގެ އިސްވެރިޔަކު ރޯދަވީއްލުމެއް ބޭއްވެވި ފުރަތަމަ ފަހަރު ކަމަށެވެ. ރޯދަވީއްލުމަށް ފަހު އިމްރާން އާއި ސީޕީ އަހްމަދު ގައިދީންނާ އެކު ނަމާދުކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރޯދަވިއްލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރި ޚަބަރެއްގައި ބުނީ، ގައިދީންނާ އެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ރޯދަވީއްލަވައި ގައިދީން ހާލަތު ވެސް މިނިސްޓަރު އޮޅުންފިލުއްވެވި ކަމަށެވެ. އަދި މި ރޯދަ މަހުގެ ގައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ވެސް މިނިސްޓަރު އެއްސެވި ކަމަށެވެ.
"ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައު އަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެ މަސައްކަތް ހުއްޓާނުލާ ކުރަމުން ގެންދާނެ. ގައިދީންނާ އެކު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކީ އެކަމަށް ވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް،" އެ ރޯދަވީއްލުމަށް ފަހު އިމްރާން ވިދާޅުވި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ރޯދަ މަހު ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ގައިދީންނާ އެކު، އިމްރާން ބައްދަލުވުންތައް ވެސް ބާއްވާނެ ކަމަށެވެ.