ފަގީރުންގެ ލިސްޓުން މި އަހަރު 2،000 މީހަކު މަދުވެއްޖެ އެވެ.
މި އަހަރު އެކުލަވައިލި ފަގީރުންގެ ދަފްތަރު މިއަދު އާންމުކޮށްފައިވާއިރު 9،041 މީހަކު އެ ދަފްތަރުގައި ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރު އެ ދަފްތަރުގައި ހިމެނި 11،514 މީހުންނާ އަޅާ ބަލާއިރު މަދަދު އަދަދެކެވެ. ނުވަތަ 2،473 މީހުންގެ މަދުވުމެކެވެ.
މި އަހަރުގެ ދަފްތަރުގެ ތަފާސްހިސާބުތައް:
- މުޅި ރާއްޖެ: 9،041 ފަގީރުން.
- މާލެ: 1،796 ފަގީރުން.
- ރަށްރަށުގައި: 7،245 ފަގީރުން.
ކުރިއަށް އޮތް ރޯދަމަހަށް އިސްލާމިކް މިނިސްޓްރީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޒާހިރު މިއަދު ވިދާޅުވީ 42 ރަށެއްގައި މި އަހަރު އެއްވެސް ފަގީރަކު ކަމަށެވެ. މިދިޔަ އަހަރު ފަގީރަކު ނެތް ކަމަށް ފާހަގަކޮށްފައި ވަނީ 45 ރަށެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަގީރުންގެ ދަފްތަރުގައި މިދިޔަ އަހަރު ޖެހުނު މީހުންގެ އަދަދު މަތިވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަތްމަތި ދަތިވި މީހުން އިތުރުވުމާ އެކު އެވެ.
ޒަކާތް ދެއްކުމަށް ބަދަލުތަކެއް
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަހަރު ފިތުރު ޒަކާތް ދައްކާއިރު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. މީގެ ކުރިން، އޮންލައިންކޮށް ޒަކާތް ދައްކާއިރު އެ މީހަކު ޒަކާތް ދައްކަން ބޭނުންވާ ވަކި ރަށެއް އިހުތިޔާރު ނުކުރެވުނަސް، މި އަހަރު މާލޭގައި ހުންނަ މީހާ އަށް ވެސް އެ މީހެއްގެ އަމިއްލަ ރަށަށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާދީފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ރަށަކުން ދައްކާ ފައިސާ އަޅުގަނޑުމެން ދެން އެ ރަށަކަށް ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމް ފައިސާ، ދިރާގު ޕޭ އަދި އެމްއައިބީގެ ފަހި ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް އޮންލައިންކޮށް ދެއްކޭނެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ހުރިހާ ރަށަކުން ވެސް އެއް ވަރަކަށް ދައްކާ ގޮތަށް މި ފަހަރު ވަނީ ކަނޑައަޅައިފަ އެވެ. ފައިސާއިން ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަ މަހުގެ ދެވަނަ ދުވަހު އެވެ. އަދި ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަ މަހުގެ 20 ވަނަ ދުވަހު އެވެ.
މި އަހަރު ފިތުރު ޒަކާތް ބަލައިގަންނަ މިންވަރު
- އާދައިގެ ހަނޑޫ: 12ރ.
- ތައިލެންޑް ހުދު ހަނޑޫ: 77ރ.
- ރަތް ހަނޑޫ: 72ރ.
- އާދައިގެ ބާސްމަތީ ހަނޑޫ: 77ރ.
- މޮޅު ބާސްމަތީ ހަނޑޫ: 90ރ.
- އެންމެ މޮޅު ބާސްމަތީ ހަނޑޫ: 132ރ.
- އާދައިގެ ފުށް: 12ރ.
- އާޓާ ފުށް: 75ރ.
މިދިޔަ އަހަރު ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އެއީ ފާއިތުވި ހަތަރު އަހަރާ އަޅާބަލާއިރު ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ.