ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް އަންނަ ހުކުރު ނަމާދުން ފެށިގެން ބޭނުންކުރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ނަމަވެސް އެ ތަން ރަސްމީކޮށް ހުޅުވާނީ ފަހުގެ ތާރީހެއްގަ އެވެ.
ކުރިއަށް އޮތް ރޯދަމަހަށް އިސްލާމިކް މިނިސްޓްރީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ، ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށަން ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަރާވީހު ވެސް އެ ތަނުގައި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.
ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށިޔަސް އަދި ނިންމާފައި ވަނީ އެ މިސްކިތުގެ އެހެން ބައިތައް ބޭނުން ނުކުރާށެވެ. މިސްކިތުގެ އެހެން ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ބަޔަށް ބޭނުންވާ އެއްޗެހި އަދި ނުލިބެ އެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ވަނީ އެ ހުރިހާ އެއްޗެއް ހަމަވުމުންނެވެ.
ސަލްމާން މިސްކިތް އަވަހަށް ހުޅުވުމުގެ މަސައްކަތް ކުރުމަށް ސައުދީ ސަރުކާރުން ފަހުން ދޭން ބުނި ދެ މިލިއަން ޑޮލަރު ހަމަޖައްސައިދިނުމަށް ރައީސް އޮފީހުގައި އިސްލާމިކް މިނިސްޓްރީން އެދިފައިވާއިރު، އެ ފައިސާ ލިބިފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިނިސްޓަރު މިއަދު ވިދާޅުވީ އަދިވެސް އެ ފައިސާ ނުލިބޭ ކަމަށެވެ.
"...[ސަލްމާން މިސްކިތަށް] ބޭނުންވާ ފަރުނީޗަރާއި އެހެނިހެން އެއްޗެހި ހޯދުމަށް ސަރުކާރުން ވަނީ 2.6 މިލިއަން ރުފިޔާ ދީފައި. ސައުދީން ދޭން ބުނި ދެ މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ފެހި ސިގްނަލް ވެސް ވަނީ ލިބިފައި. ވަރަށް އަވަހަށް އެ ފައިސާ ދެއްވާނެ ކަމަށް [ސަރުކާރުން] ބުނެފައިވޭ،" ޑރ. ޒާހިރު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމިޔަސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ފެށިފައެއް ނުވެ އެވެ.
ސަލްމާން މިސްކިތް ނުހުޅުވި ލަސްވެގެންދާތީ އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވެފައިވެ އެވެ.