ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މާލޭގައި އިއްޔެ ހަވީރު ކުރި މުޒާހަރާ އިން ހައްޔަރުކުރި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނާއި ޕީއެންސީގެ ނައިބު ރައީސް ސައީދު، ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމެއް ހީނާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް ކޯޓުގައި އޮތް "މުއްދަތު މަޖިލިހަށް" އެ ތިން ބޭފުޅުން ހާޒިރުކުރީ ބިޑި އަޅުވައިގެން ކަަމަށް ހީނާ ވިދާޅުވި އެވެ.

ޣައްސާނާއި ސައީދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް އިދިކޮޅުން ބުނެ އެވެ.

އެ ދެ މެމްބަރުން ހައްޔަރުކޮށްގެން ދޫނިދު އަށް އިއްޔެ ހަވީރު ގެންދިޔައިރު، އިއްޔެގެ އެއްވުން އިދިކޮޅުން ބޭއްވީ އެ ކަން ނުކުރަން ފުލުހުން އަންގާފައި ވަނިކޮށެވެ.

"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީނދެގެން: މި މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީނދެގެން: މި މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެހެންވެ، ޕީޕީއެމްގެ އޮފީސް ދޮށަށް ދެވެން އޮތް ހުރިހާ މަގެއް ފުލުހުން އޮތީ ބަންދުކޮށްފަ އެވެ. އަދި އެ ހަރަކާތް ފެށުމުގެ މާ ކުރިން ފުލުހުން އެ ސަރަހައްދު ބަންދުކޮށް ބައެއް މީހުން ހައްޔަރުކުރި އެވެ.

ފުލުހުން ބުނިގޮތުގައި 17 މީހަކު އެ އެއްވުމުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދޫކޮށްލީ ކިހާ އަދަދެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އެ އެއްވުމަށް ރަށްރަށުން ގިނަ ބަޔަކު ގެނެސް ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތަށް ހުރަސް އަޅަން އިދިކޮޅުން އިއްޔެ އޮތީ ރާވައިފަ އެވެ. އަދި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރާވާފައިވާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ.

އެކަމަކު ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އިދިކޮޅުން މަގުމަތީ ހަރަކާތަށް ނުކުތްއިރު އިދިކޮޅުން ބުނީ އެއްވުމުގެ ބައިވެރިންގެ ތެރެއިން ކާނިވާ ސަރަހައްދަށް ވަންނަން ދިޔަ ބައެއްގެ މޫނަށާއި ލޮލަށް ޕެޕާ ސްޕްރޭ ޖަހައި، އެއްވުމުގައި ބައިވެރިވުމަށް ދިޔަ އާއްމުންނަށް ހުރަސް އަޅާފައިވާ ކަމަށެވެ.

ޕީޕީއެމުން ވަނީ ޣައިރު ގާނޫނީ އެންގުންތަކަށް ތަބާނުވެ، ގާނޫނުއަސާސީން ކަަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިނުގަތުމަށް ފުލުހުންނަށް އިލްތިމާސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގެންދާ ސުލްހަވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަށް ގޮވާލައިފަ އެވެ.