އެމްޑީޕީއަކީ އުސޫލްތައް ހިފަހައްޓާ ޕާޓީއެއް ކަމަށް ލައްކަ ގިނަ ވާހަކަތައް ދައްކައިގެން ވެރިކަމަށް އާދެވުނު ދެ ފަހަރު ވެސް ޝަރުއީ ނިޒާމަށް އަތްބާނައިގެން އެންމެ ހުދުމުހުތާރުކޮށް ރާއްޖޭގައި ވެރިކަން ކުރަނީ އެމްޑީޕީން ކަމަށް އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޅި ރާއްޖޭގައި ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ޅ. ކުރެންދު އަށް މިއަދު މެންދުރު ފަހު ވަޑައިގެން ޔަމީން ވިދާޅުވީ، ފުރަތަމަ ވެރިކަމުގައި ވެސް ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބާނައި ގަޑުބަޑުކޮށްލި ކަމަށެވެ. މި ވެރިކަމުގައި އަދި މާބޮޑަށް ޖުޑިޝަރީ ތެރެއަށް އަތް ބާނައި ގާނޫނުތަކާ ހިލާފުވަމުންދާ ތަން ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން މި ގައުމާ ހަވާލުވާ ކޮންމެ ފަހަރަކު ވެސް ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ކަނޑުވާލަ އެވެ. ވެރިކަމުގައި އެ ޕާޓީގެ މަސައްކަތަކަށް ވެފައި އޮންނަނީ ދިވެހިން ގަބޫލުކުރަމުން އަންނަ އުސޫލުތަކަށް ގޮންޖަހައި ރައްޔިތުންގެ ނުރުހުމުގައި އެކަންކަން ބަދަލުކުރަން ކަމަށް ވިދާޅުވި އެވެ.
ޔަމީން ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީން އުޅެނީ ރާއްޖޭގެ މިނިވަންކަން ނަގާލައި، އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތުދީ، އެއްވެސް އުސޫލެއް އަދި ހައްދެއް ނެތި މީހުންނަށް އުޅުމުގެ މިނިވަންކަން ދިނުމަށެވެ. އެއީ ދިވެހިން ގަބޫލުކުރާނެ ގޮތެއް ނޫން ކަން، މާ ކުރިން ރައްޔިތުންގެ ބައިވެރިވުމާ އެކު ހެދި ގާނޫނުތަކާއި އުސޫލުތަކުން އެނގެން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ގައިމު ކަމެއް ވެގެންދެއްތޯ ޖުޑިޝަރީ ތެރެއަށް އަތް ބާނައިގެން ފުރަތަމަ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވައިގެން ވެސް އެކަން ކުރެއްވި. އޭގެ ފަހުން މިހާރު ވެސް މި ފެންނަނީ ހަމަ އެކަން އެއަށް ވުރެ ފާޅުކަން ބޮޑުކޮށް، އެއަށް ވުރެ މާ ޝާމިލުކޮށް، ކެރިގެން ކުރާތަން،" ޔަމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ވެރިކަމެއްގައި ތިން ބާރު އޮންނަ އިރު، ފުރަތަމަ ދެ ބާރު ކަމަށްވާ ރައީސް އާއި ރައްޔިތުންގެ މަޖިލީހުން ކުރާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމުގެ ޒިންމާ އުފުލަން ޖެހެނީ ގައުމުގެ ތިން ވަނަ ބާރު ކަމަށްވާ އަދުލު އިންސާފު ގާއިމްކުރާ ފަރާތްތަކުން ކަމަށްވާއިރު، އެކަން ކުރައްވަން ތިއްބެވި ފަނޑިޔާރުންނަށް އެމްޑީޕީގެ ރޭވުންތެރިކަން ވަރަށް ރަނގަޅަށް އެނގެން ޖެހޭ ކަމަށެވެ.
"އެއީ ރައްޔިތުންގެ އެންމެ ވަރުގަދަ ބާރު، ނޫނީ އެ ބާރަކަށް ރައްޔިތުން ހުރިހާ ކަމެއް ބަރޯސާކޮށް، އެ ބާރުގެ ފަރާތުން، މި ސިޔާސީ ދެ ބާރު ކަމަށްވާ ވެރިކަން ކުރާ ބާރާއި މަޖިލިސްގެ ބާރުން ކުރާ ކަންކަމުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަންކަން ގެންދިޔަ ނުދިނުމަށް، އިސްލާމްދީން ރާއްޖޭގައި އޮތުމަށްޓަކައި އެންމެ ވަރުގަދަ ބާރެއް ދީފައި އޮންނަނީ އެ ބާރަށް،" ޔަމީން ވިދާޅުވި އެވެ.
އެމްޑީޕީން މަސައްކަތް ކުރަނީ ޖުޑިޝަރީގެ ތެރެއަށް އަތްބާނައިގެން ކަންކަން ކުރަން ކަމަށް ތުހުމަތުކުރައްވައި ޔަމީން ވިދާޅުވީ އެކަމުން އެންމެ ސާފުކޮށް އެނގޭ އެއް ކަމަކީ އެމްޑީޕީ އަކީ އުސޫލެއް ގަބޫލުކުރާ ޕާޓީއެއް ނޫން ކަމަށެވެ.
"ލައްކަ ގިނަ މޮޅު ވާހަކަދައްކައިގެން [އެމްޑީޕީ] ވެރިކަަމަށް އަންނަނީ. އައުމަށް ފަހު، ހުރިހާ އުސޫލުތަކެއް މުގުރާލައިފައި އެންމެ ހުދުމުހުތާރުކޮށް މިހާތަނަށް ކޮންމެ ފަހަރަކު ވެރިކަން ކޮށްފައި ދިޔައީ އެމްޑީޕީގެ ފަރާތުން،" ޔަމީން ވިދާޅުވި އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، ޔަމީން އިސްވެ ހުންނަވައި ކުރައްވާ ކެމްޕެއިންގައި ކުރެންދުއަަށް ފަހު އެ އަތޮޅު ނައިފަރަށް ވެސް ވަޑައިގަތެވެ.
ކުރެންދު އަށް ޔަމީން ވަޑައިގެންނެވި އިރު، އެ ރަށުގެ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި މަހު 26 ގައި ބާއްވާ އެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވެސް ވާދަކުރެ އެވެ.